15 އޯގަސްޓް 2025 - 14:49

ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ރާޖް ކުންދުރާ މަކަރާއި ހީލަތުން 60 ކްރޯޑް ރުޕީސް ހޯދި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައިދޭން އިންޑިއާގެ މުމްބާއީގެ ޕޮލިހުގައި މީހަކު އެދިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެމަފިރިންނަށް މި ސީރިއަސް ތުހުމަތު ކުރީ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ދީޕަކް ކޮތާރީ އެވެ.
ދީޕަކްގެ ލޮޓަސް ކެޕިޓަލް ފައިނޭންޝިއަލް ސާވިސް ލިމިޑެޓުން ޝިލްޕާގެ ދެމަފިރިން 60 ކްރޯޑް ރުޕީސްގެ ލޯނެއް ނަގައި، އެ ރުފިޔާ އަނބުރާ ދައްކާފައި ނުވާ ކަމަށާއި އެ ފައިސާ ބޭނުންކުރި ގޮތް ވެސް އޭނާއަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ޝިލްޕާގެ ދެމަފިރިން އެ ފައިސާ ލޯނަށް ނެގީ އެމީހުންގެ ކުންފުނި ބެސްޓް ޑީލް ޓީވީ ޕްރައިވެޓް ލިމިޑެޓުގެ ވިޔަފާރި ފުޅާކުރަން ކަމަށް ބުނެ ކަމަށް ދީޕަކް ބުންޏެވެ.
ރާޖް އާއި ޝިލްޕާ އެ ކުންފުންޏަކީ ލައިފްސްޓައިލް ސާމާނު ވިއްކާ އޮންލައިން ވިޔަފާރިކުރާ ޕްލެޓްފޯމެއް ހިންގާ ކުންފުންޏެކެވެ.
ދީޕަކް ބުނީ ކުރިން ލޯނެއްގެ ގޮތުގައި ދޭން އުޅުނު އެ ފައިސާ ފަހުން އެ ދެމަފިރިންނަށް ދިނީ އޭނާއަށް ފައިދާ ޖެހޭ ގޮތަށް އިންވެސްޓްކުރާ ފައިސާގެ ގޮތުގައި ދޭން އެއްބަސްވެގެން ކަމަށެވެ. ދެ ބަޔަކަށް ބަހާލައިގެން އެ ފައިސާ ދިނީ 2015 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދުގައި ކަމަށާއި އެ ފައިސާ ދޫކޮށްގެން އޭނާއަށް އެއްވެސް ފައިދާއެއް ލިބިފައި ނުވާ ކަމަށް ބުންޏެވެ.
ދީޕަކް ތުހުމަތުކުރާ ގޮތުގައި، ޝިލްޕާގެ ދެމަފިރިން އެ ފައިސާ ބޭނުންކުރީ އަމިއްލަ ކަންކަމަށެވެ. އަދި އެ ފައިސާ އަނބުރާ ދައްކަން އެކި ފަހަރު މަތިން އެދުމުން ވެސް އެކަން ކޮށްފައި ނުވެ އެވެ.
މުމްބާއީ ފުލުހުންގެ އިކޮނޮމިކް އޮފެންސެސް ވިންގުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ޝިލްޕާގެ ދެމަފިރިންގެ ވަކީލުން ވަނީ މި ތުހުމަތު ދޮގުކޮށް ބަޔާނެއް އިއްޔެ ނެރެފަ އެވެ.
އެ ދެމަފިރިންގެ ވަކީލުން ބުނި ގޮތުގައި، މި ފައިސާއާ ގުޅޭ ކަންކަން އިންޑިއާގެ ކުންފުނިތަކާ ބެހޭ ޓްރައިބިއުނަލް މެދުވެރިކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ނިންމައިފަ އެވެ. އެ ފައިސާ ނުދެއްކުނީ ކުންފުނި އަޑިއަޅާލައި މާލީ ދަތިކަން ކުރިމަތިވެގެންނެވެ. އެކަމުގައި، މަކަރާއި ހީލަތުގެ އެއްވެސް ކަމެއް ނެތްކަން ޓްރައިބުނަލަށް ހުށަހެޅި އޮޑިޓް ރިޕޯޓުތަކާއި ކޭޝް ފްލޯ ސްޓޭޓްމަންޓްތަކުން އެނގެން އެބަހުއްޓެވެ.
ދީޕަކް ދިން ލޯނެއް ކަމަށް ބުނާ ފައިސާއަކީ އެ ކުންފުނިން ހިއްސާ ގަނެ އޭނާ އިންވެސްޓްކޮށްފައި ހުރި ފައިސާ ކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ބުންޏެވެ.