ފުރަތަމަ މެޗުން ފަހަތުން އަރައި ކުުޅުދުއްފުށި މޮޅުވެއްޖެ
ފުރަތަމަ މެޗުން ފަހަތުން އަރައި ކުުޅުދުއްފުށި މޮޅުވެއްޖެ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން މިއަދު ހދ. ކުރިނބީ އަތުން ފަހަތުން އަރައި 4-2 އިން ހދ. ކުޅުދުއްފުށި މޮޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ދެ ލަނޑު ޖެހީ ކުރިނބީ ޓީމުންނެވެ. ފުރަތަމަ ލަނޑު މެޗުގެ 35 ވަނަ މިނިޓްގައި ކާމިޔާބުކުރީ މުހައްމަދު އަނާން އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 65 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުފުޅާކޮށްދިނީ ހާމިދު އާދަމް އެވެ.

ކުޅުދުއްފުށި މޮޅުވީ ފަހު 20 މިނިޓް ތެރޭގައި ހަތަރު ލަނޑު ޖަހައިގެންނެވެ. އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ޖެހީ އަންވަރު އާދަމް އެވެ. އަނެއް ދެ ލަނޑު ކާމިޔާބުކުރީ އިބްރާހިމް ހަސަން އާއި ހަސަން ސާމިލް އެވެ.

މި ފަހަރުގެ މުބާރާތުގައި 81 ޓީމަކުން ވާދަކުރާއިރު މުބާރާތް ކުރިއަށްދާނީ ތިން ބުރަކަށެވެ. އެއީ އަތޮޅުތަކުގެ ޓީމުތަކުގައި ކުޅެވޭ ބުރާއި ޒޯން ބުރާއި މާލޭގައި ލީގު އުސޫލުން ކުޅޭ ފަހު ބުރެވެ. ފުރަތަމަ ބުރުގައި އަތޮޅަކުން ދެ ރަށަށް ވުރެ ގިނައިން ބައިވެރިވެއްޖެނަމަ މެޗުތައް ކުޅޭނީ ހޯސްޓްކުރާ އެއް ރަށެއްގަ އެވެ. ޒޯން މުބާރާތް އޮންނާނީ ހޯމް އަވޭ އުސޫލުންނެވެ.

ހުރިހާ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ލީގު ބުރު އޮންނާނީ މާލޭގަ އެވެ. އެ ބުރުގެ ގަދަ ހަތަރު ޓީމަށް މި އަހަރުގެ ޖުލައި މަހު ފަށާ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.

މިނިވަން ޗެމްޕިއަންޝިޕަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ބެހިގެން މިހާރު ކުރިޔަށްދާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ.

މިނިވަން ޗެމްޕިއަންޝިޕް ފެށުމަށް ކުރިން ކަނޑައެޅި ތާރީހަކީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް ރާއްޖޭގައި ފެތުރިފައިވާ ހުމާ ގުޅިގެން މުބާރާތް ލަސްކުރުމަށް އެފްއޭއެމުން ނިންމީ އެވެ. މިއަދު ހދ. އަތޮޅުގައި މުބާރާތް ފެށިއިރު، ވަރަށް އަވަހަށް އެހެން އަތޮޅުތަކުގައި ވެސް ފަށާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ،