14 އޯގަސްޓް 2025 - 12:36

އާބާދީ ކިތަންމެ ކުޑަ ރަށެއްގައި އުޅޭ މީހަކަށް ވިޔަސް ކޮންމެ ދިވެހި ރައްޔިތަކީ ވެސް ހަމަހަމަ އަދި މުހިއްމު ރައްޔިތެއް ކަމުގައި ބައްލަވާނެ ކަމަށާއި ހަމަހަމަކަމާ އެކު ހިދުމަތް ދެއްވާނެ ކަމުގެ ޔަގީންކަމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅުގެ ދަތުރު މިއަދު ނިންމަވާލައްވައިފި އެވެ.
މި މަހުގެ 11 ވަނަ ދުވަހު ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، 500 އިން ދަށުގެ އާބާދީއެއް އޮންނަ މާޅޮހަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ ކުޑަރަށެއް، ބޮޑު ރަށެއް ތަފާތު ނުކުރުން ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް ހަމަހަމަ އަށް ކަންކަން ކޮށްދެއްވުން ކަމަށެވެ.
"އަޅުގަނޑުމެން މި ވިސްނަނީ ކުރިން އިސްކަން ނުދެވި ހުރި ކަންކަން ނިންމަން. އާބާދީއަކަށް ނުބަލަން. އާބާދީ ކިތަންމެ ކުޑަވިޔަސް އަޅުގަނޑަށް ކޮންމެ ދިވެހި ރައްޔިތެއް ހަމަހަމަ. ކޮންމެ ދިވެހި ރައްޔިތަކަށް ހަމަހަމަ ކަމާއެކު ކަންކަން ފުރިހަމަ ކޮށްދިނުމަކީ އަޅުގަނޑުގެ މައިގަނޑު ފަލްސަފާއަކީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މާޅޮހުގައި ކުރިއަށްދާ މަސައްކަތްތަކާއި ކުރިއަށް ހުރި މަސައްކަތްތަކުގެ ތަފްސީލްތައް ދެއްވުމަށް ފަހުގަ އެވެ. އެ ރަށުގައި މިއަދު ޕޮލިސް ޕޯސްޓެއްގެ ބިންގާ އަޅާފައި ވާއިރު ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް ވެސް ހަފްތާއެއްހާ ދުވަސް ކުރިން ވަނީ ހަވާލުކޮށްފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ބ. އަތޮޅުގެ ރަށްތަކުގައި ބޭންކް އޮފް މޯލްޑިވްސް އިން ބެހެއްޓި އޭޓީއެމްތަކުގެ ހިދުމަތް ވެސް ފައްޓަވައިދެއްވާފައި ވާއިރު މިއީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވިދާޅުވި އެވެ.
ބ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު އޭޓީއެމްގެ ހިދުމަތް ފަށާފައި ވާއިރު މިއީ ފައިސާ ނެގުމަށް ބޮޑު ހަރަދެއް ކޮށްގެން ކުރަން ޖެހޭ ދަތުރުތަކަށް ނިމުން ގެނުވާނެ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.
ބ. އަތޮޅުގެ ރަށްރަށުގައި ނިމިފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައިދެއްވައި އަދި އަލަށް އެކި މަޝްރޫއުތައް ފެށި މި ދަތުރުފުޅުގައި ރައީސް ވަނީ 13 ރަށަކަށް ވަޑައިގެންފަ އެވެ.