14 އޯގަސްޓް 2025 - 11:21

ދެކުނު އިންޑީއާގެ ސުޕަސްޓާރު ރަޖްނީކާންތުގެ އާ ފިލްމު "ކޫލީ" މިއަދު ރިލީޒްކުރުމުގެ ކުރިން ރެކޯޑް އާމްދަނީއެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ ރިލީޒްކުރުމުގެ ކުރިން ވިއްކި ޓިކެޓްތަކުން ދުނިޔޭގެ ބޮކްސް އޮފީހުގައި 110 ކްރޯޑް ރުޕީސް ލިބިފައިވާ ކަމަށެވެ. އެއީ ފުރަތަމަ ތިން ދުވަހަށް ވިއްކާފައިވާ ޓިކެޓްތަކުން ލިބުނު އާމްދަނީ އެވެ.
އޭގެ ތެރެއިން 80 ކްރޯޑް ރުޕީސްއަކީ ހަމައެކަނި މިއަދަށް ވިއްކާފައިވާ ޓިކެޓްތަކުން ލިބުނު އާމްދަނީ އެވެ.
ތަމަޅަ ފިލްމު "ކޫލީ"އަކީ 350-400 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
އެކްޝަން ތުރިލާ "ކޫލީ"އަކީ ރަން ވިއްކުމުގެ ވަގު ވިޔަފާރިކުރާ މީހެއްގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ.
"ކޫލީ"އަކީ މި އަހަރު ރިލީޒްކުރާ ރަޖްނީކާންތުގެ ފުރަތަމަ ފިލްމެވެ. އޭނާގެ އެންމެފަހުގެ ފިލްމު، 2023 ވަނަ އަހަރު ގެނެސްދިން "ޖެއިލާ"އަށް 600 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ދުނިޔޭގެ ބޮކްސް އޮފީހުގައި ލިބިފައިވެ އެވެ.
ބޮކްސް އޮފީހުގައި މި ފިލްމާއި ވާދަކުރަނީ ހަމަ މިއަދު ރިލީޒްކުރާ ރިތިކް ރޯޝަން އާއި އެންޓީއާރު ޖޫނިއާ ލީޑު ރޯލު ކުޅޭ ބޮލީވުޑްގެ އެކްޝަން ފިލްމު "ވޯ 2" އެވެ.