14 އޯގަސްޓް 2025 - 08:44

އެމެރިކާގެ ގާނޫނުތަކަށް ގެންނަ ފަހި ބަދަލުތަކުގެ އަސަރާ އެކު މިއަދު އޭޝިއާ ސަރަހައްދުގެ ޓްރޭޑިން ފެށުނު އިރު ބިޓްކޮއިންގެ އަގު 124،000 ޑޮލަރަށްވުރެ މައްޗަށް އަރައި އާ ރެކޯޑެއް ގާއިމުވެއްޖެ އެވެ.
މި ކްރިޕްޓޯކަރަންސީގެ އަގު
މިދިޔަ ޖުލައި މަހުގެ ރެކޯޑް ކަމަށްވާ 124،500 ޑޮލަރަށްވުރެ މައްޗަށް ބިޓްކޮއިންގެ އަގު އިރުކޮޅެއް ވަންދެން ހިފަހައްޓާލި އެވެ.
އެމެރިކާގެ ހިއްސާގެ ބާޒާރު ބުދަ ދުވަހު ނިންމާލި އިރު ވެސް އަގުތައް ހުރީ މަތީގަ އެވެ. އެސް އެންޑް ޕީ 500 އިންޑެކްސް އަދި ޓެކްނޮލޮޖީއަށް ބަރޯސާވާ ނަސްޑާކްގެ އާ ރެކޯޑްތަކާ އެކު ކްރިޕްޓޯކަރަންސީގެ އަގު ވެސް މައްޗަށް ދިޔަ އެވެ.
ފަހަކަށް އައިސް ބިޓްކޮއިންގެ އަގު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވަނީ، ކްރިޕްޓޯކަރަންސީއަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަމުންދާ ބަދަލުތަކާ އެކުގަ އެވެ.
މީގެ އިތުރުން، ބޮޑެތި އަދަދުތަކުން ކްރިޕްޓޯކަރަންސީ ގަނެފައިވާ، "ވޭލްސް" ގެ ނަމުން މުހާތަބުކުރާ ފަރާތްތަކުގެ ސަބަބުން ވެސް ކްރިޕްޓޯކަރަންސީގެ އަގުތައް މައްޗަށް ދިއުމަށް މަގު ފަހިވެފައިވެ އެވެ.
"ކްރިޕްޓޯ މާކެޓް މިހާރު ކުރިއަށްދަނީ ވަރަށް ފަހި ކަންތައްތަކެއްގެ ތެރެއިން،" އެކްސްއެސް.ކޮމްގެ ސީނިއާ މާކެޓް އެނަލިސްޓް ސާމާ ހަސަން ވިދާޅުވި އެވެ.
"ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރިސްކު ބޮޑު ކަމަށް ފާހަގަކުރެވިފައިވާ ކުންފުނިތަކާ އެކު ވިޔަފާރިކުރުން ބޭންކުތަކަށް މަނާކުރާ ގަވާއިދުތައް ނައްތާލުމަށް މަސައްކަތް ފައްޓަވާފައި. ކްރިޕްޓޯ ކުންފުނިތައް ގިނަ ފަހަރަށް ބޭއިންސާފުން ވަނީ މި ގިންތީގައި ހިމަނާފައި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓްރަމްޕާއި އޭނާގެ އާއިލާގެ މެންބަރުން ކްރިޕްޓޯ ދާއިރާގައި އިތުރަށް ބައިވެރިވަމުން ދާތީ ކްރިޕްޓޯކަރަންސީތައް ގައުމުގެ މާލީ ނިޒާމާ ބޮޑަށް ގުޅުވާލުުގެ މަސައްކަތް ހަލުވިވާނެ ކަމަށް ވެސް ބެލެވޭ ކަމަށެވެ.
ބިޓްކޮއިންގެ ބޮޑެތި އަދަދުތައް ގަންނަ ކުންފުނިތަކުގެ ތެރޭގައި ޓްރަމްޕްގެ މީޑިއާ ގްރޫޕާއި، ޓެކްނޮލޮޖީ ދާއިރާގެ ބިލިއަނަރު އީލޮން މަސްކްގެ، އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާ ވެސް މިހާރު ހިމެނެ އެވެ. -- އޭއެފްޕީ