13 އޯގަސްޓް 2025 - 17:59

ފުލުހުން ހުޅުމާލެއިން މިދިޔަ މަހު ހުއްޓުވި 1،600 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 1،000 އަށް ވުރެ ގިނަ މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން ވަނީ ހުޅުމާލެ 1 އަދި 2 ގެ ޕޮލިސް ސްޓޭޝަންގެ މިދިޔަ މަހުގެ ތަފާސްހިސާބުތައް މިއަދު އާންމުކޮށްފަ އެވެ.
ހުޅުމާލެ 1 ގެ ޕޮލިސް ސްޓޭޝަނުން 21،458 ތަނެއްގެ ލޮކޭޝަން ޗެކް މިދިޔަ މަހު ހަދާފައިވެ އެވެ. އަދި އެ ސަރަހައްދުގެ މަގުތައް ބެލެހެއްޓުމުގައި 657 ގަޑިއިރު ހޭދަކޮށްފައިވެ އެވެ. އެ ސްޓޭޝަންގެ ފުލުހުން ވަނީ 1،249 މީހަކު އެކި ތަންތަނުން ހުއްޓުވައި ސުވާލުކޮށްފަ އެވެ. އޭގެ ތެރެއިން 786 މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލެ 2 ގެ ޕޮލިސް ސްޓޭޝަނުން 8،030 ތަނެއްގެ ލޮކޭޝަން ޗެކް މިދިޔަ މަހު ހަދާފައިވެ އެވެ. އަދި އެ ސަރަހައްދުގެ މަގުތައް ބެލެހެއްޓުމުގައި 470 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަކޮށްފައިވެ އެވެ. އެ ސްޓޭޝަންގެ ފުލުހުން ވަނީ 389 މީހަކު އެކި ތަންތަނުން ހުއްޓުވައި ސުވާލުކޮށްފަ އެވެ. އޭގެ ތެރެއިން 300 މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދެ ސައިކަލާއި 11 މޯބައިލް ފޯނާއި އިލެކްޓޯރިކްސް އިތުރު ފަސް ބާވަތަކާއި 1،925ރ.، ހުޅުމާލެ 1 ގެ ޕޮލިސް ސްޓޭޝަނުން މިދިޔަ މަހު ރިކަވާކޮށްދިން ކަމަށެވެ. އަދި 42 ބާވަތެއްގެ އެހެނިހެން ތަކެތި ފުލުހުން ހޯދައި ދިން އިރު، އޭގެ ތެރޭގައި އައިޑީކާޑާއި ކޭޝް ކާޑު ކަހަލަ އެއްޗެހި ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހުޅުމާލެ 2 ގެ ޕޮލިސް ސްޓޭޝަނުން 62،045ރ. އަނބުރާ ހޯދައި ދިން އިރު، 3،900ރ. އަގުހުރި އެހެން އެއްޗެއް ވެސް އަނބުރާ ހޯދައި ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.