ރާއްޖެއާ މެދު ސައޫދީ އާއި މެދުއިރުމަތީގެ ގުޅުން ވަރަށް ވަރުގަދަ: މިނިސްޓަރު
ރާއްޖެއާ މެދު ސައޫދީ އާއި މެދުއިރުމަތީގެ ގުޅުން ވަރަށް ވަރުގަދަ: މިނިސްޓަރު

ރާއްޖެ އާއި ސައޫދީ އަރަބިއްޔާ އަދި މެދުއިރުމަތީގެ އިސްލާމީ ގައުމުތަކާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާ މެދު ސައޫދީ އާއި މެދުއިރުމަތީގެ ގުޅުން ވަރަށް ވަރުގަދަ: މިނިސްޓަރު
ރާއްޖެއާ މެދު ސައޫދީ އާއި މެދުއިރުމަތީގެ ގުޅުން ވަރަށް ވަރުގަދަ: މިނިސްޓަރު

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލެއްގެ ޖަވާބުގައި ހަލީލް ވިދާޅުވީ، ރާއްޖެ އާއި ސައުދީއާ ދެމެދު އޮތީ ހަމައެކަނި ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ކަހަލަ ގުޅުމެއް ނޫން ކަމަށާއި އެއީ މާ އަހުވަންތަ އަދި އިސްލާމީ އުސޫލުގެ މަތިވެރި ނަމޫނާގެ ތެރޭގައި އޮތް ގުޅުމެއް ކަމަށެވެ.

ހާއްސަކޮށް މި ފަހުން ރާއްޖޭގެ ތަރައްގީގައި ސައޫދީ ސަރުކާރާއި ސައޫދީ ޑިވެލޮޕްމަންޓް ފަންޑުގެ އެހީތެރިކަން ލިބޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިދިޔަ މަހު ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމުމުގައި ވެސް އެ ފަންޑުގެ ވަރަށް ބޮޑު ހިއްސާއެއް އޮތް ކަމަށް ވިދާޅުވި އެވެ.

ތަފާސްހިސާބުގެ އަލީގައި މިނިސްޓަރު ވިދާޅުވިގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެ ސަރުކާރުގެ އިސްވެރިން ސައޫދީ އަށް ވަޑައިގެން ބައްދަލުވުން ބޭއްވި އަދަދަކީ ހަޔެކެވެ.

"އެކަމަކު، މި ސަރުކާރުގެ މިވީ ކުރު މުއްދަތުގެ ތެރޭގައި ހަތް ބައްދަލުވުމަށް ހަތް ފަހަރު މި ސަރުކާރުން ސައުދީ އަށް ވަޑައިގެން ބައްދަލުކުރައްވާފައިވޭ. އޭގެ ތެރެއިން ވެސް އަޅުގަނޑު ހާއްސަ ގޮތެއްގައި ފާހަގަކޮށްލަން ރައީސުލްޖުމްހޫރިއްޔާ ނުރަސްމީ ދަތުރުފުޅެއްގައި ހައްޖަށް ވަޑައިގެންނެވިއިރު ސައުދީގެ ވަލީއަހުދާ ވަނީ ބައްދަލު ކުރައްވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

"ވަރަށް ހާއްސަ ބައްދަލުވުމެއް އެ މަނިކުފާނަށް ދެއްވިކަން މި ފުރުސަތުގައި ފާހަގަކުރަން. ދެބޭފުޅުންގެ ދެމެދުގައި ވަނީ ވަރަށް ހާއްސަ މަޝްވަރާތަކެއް ކުރައްވާފައި."

ސައޫދީގެ އިތުރުން މި ސަރުކާރުގެ ވެރިންނާއި ޔޫއޭއީގެ ސަރުކާރުގެ ވެރިންނާ ވެސް މިދިޔަ މުއްދަތުގައި ހަ ފަހަރު ބައްދަލުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިދިޔަ ސަރުކާރުގެ ފަސް އަހަރުގެ މުއްދަތުގެ އަދަދަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.

އޮމާން ސަރުކާރުގެ ވެރިންނާ އެކު މިދިޔަ ސަރުކާރުގެ ފަސް އަހަރު އެއް ބައްދަލުވުން ބޭއްވިއިރު މި ސަރުކާރުން މިހާތަނަށް ދެ ބައްދަލުވުން ބޭއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހެން އަޅުގަނޑު ދަންނަވާލަން ވެއްޖިއްޔާ ވަރަށް ލިސްޓު ދިގު. އަރަބި އިސްލާމީ ގައުމުތަކުގެ ގުޅުން އަޅުގަނޑު މި ދަންނަވައިދެނީ ވާހަކައަކުން ނޫން. ސްޓިސްޓިކްސްއިން. އަދި ޑޮލަރުގެ ޓާމުން ވެއްޖިއްޔާ އެ ގޮތަށް ވެސް ދަންނަވާލަން ތައްޔާރު،" ހަލީލް ވިދާޅުވި އެވެ.

"އެއީ ޑޮލަރުގެ ޓާމަށް ބެލިކަމުގައި ވިޔަސް މި ސަރުކާރުގެ މި މުއްދަތުގައި ލިބިފައި ހުރި އެހީތައް ވަރަށް ބޮޑު އަދަދުން މިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުގައި އިތުރުވެގެން ގޮސްފައިވޭ. މިއީ އަޅުގަނޑުމެން މި މިނާ ގޮތަކީ ގުޅުންތައް ވަރުގަދަ ވެގެންދާ ގޮތް."

ހަލީލް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ކުރީކޮޅު ސައޫދީ ސަރުކާރުން އެހީގެ ގޮތުގައި ތިން މިލިއަން ޑޮލަރު ވެސް ދިން ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ނިންމަން އިތުރަށް ބޭނުންވި ފައިސާ ވެސް ސައުދީ ފަންޑުން ލިބުނީ މި ސަރުކާރުން ކުރި މަސައްކަތުން ކަަމަށް އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ، ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ގާއިމްކޮށްދިނުމަށް އެންމެ ބޮޑަށް ވަކާލާތު ކުރާ އެއް ގައުމަކީ ވެސް ރާއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ، ފަލަސްތީނުގެ މައްސަލާގައި ރާއްޖެ އިން ތާއީދު ކުރަނީ "ޓޫ ސްޓޭޓް ސޮލިއުޝަނަށް" ކަމަށެވެ.