މަސީހު ވަކިކުރަން ޖޭޕީން ތްރީ ލައިން ވިޕެއް ނެރެފި
މަސީހު ވަކިކުރަން ޖޭޕީން ތްރީ ލައިން ވިޕެއް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ތްރީ ލައިން ވިޕެއް މިއަދު ނެރެފި އެވެ.

މަސީހު ވަކިކުރަން ޖޭޕީން ތްރީ ލައިން ވިޕެއް ނެރެފި
މަސީހު ވަކިކުރަން ޖޭޕީން ތްރީ ލައިން ވިޕެއް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ އަންނަ ހޯމަދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކުރަން ނިންމާފައިވާ، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އެމަނިކުފާނު ވަކިކުރަން ވޯޓު ދިނުމަށް ޖޭޕީން މި ކަނޑއެޅީ އެ ޕާޓީގެ އެންމެ އިސް ގުނަވަން ކަމަށްވާ ގައުމީ ހިންގާ ކޮމެޓީން މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގަ އެވެ.

މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން ޖޭޕީ ތަމްސީލްކުރައްވަނީ ހަތް މެމްބަރުންނެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކާމިޔާބުކުރަން 42 ވޯޓު ބޭނުންވާއިރު ހުރިހާ ޕާޓީތައް ގުޅިގެން، އެ އަދަދަށް ހަމަވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މަސީހް ވަކިކުރަން އެ ކޮމެޓީން ނިންމިއިރު، އެއީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.

"މިހާރު" އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ، "އެކޮޅުކޮޅުން އެލުވާފައި ކާޅަށް ކޮށައި ކާންދިނަސް" ރައީސް އަބްދުﷲ ޔާމީނަށް ދުވަހަކު ވެސް ދެން ތާއީދު ނުކުރައްވާނެ ކަމަށާއި ދެއްވާފައިވާ ތާއީދު ވެސް އަނބުރާ ގެންނަވައިފި ކަމަށެވެ.

"އަޅުގަނޑު ކުރި އާދޭހަށް ޔާމީނަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންގެ ކިބައިން އަޅުގަނޑު މި އެދެނީ އެ ތާއީދު އަނބުރާ ގެންނަން،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސީހުގެ ވޯޓާ ގުޅުވައިގެން ސަރުކާރުން ގާސިމަށް ބިރުދައްކައި އިންތިހާ އަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށެވެ. އެކަމަކު، ކޮންމެ ގޮތެއް ހެދިޔަސް، އަދި ކޮންމެ ބިރެއް ދެއްކިޔަސް، މި ފަހަރު ނުސިހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ގާސިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ތ. އެލާ ދައުލަތަށް ނެގީ އެއްބަސްވުމާ ހިލާފަށް ކަމަށް ސިވިލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރުމާއެކު، އެ ކުންފުނީގެ އެކައުންޓްތައް މީރާ އިން އިއްޔެ ވަނީ ފްރީޒްކޮށްފަ އެވެ.

އަދި ހައި ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ވިލާ ޝިޕިން އިން މިއަދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެެ.