އިންޓެލް ރިޕޯޓަކަށް ރިއާޔަތްކޮށް، ފެނަކަ ސައީދުގެ ޕާސްޕޯޓު ދޫނުކުރަން ޕީޖީން ކޯޓުގައި އެދިއްޖެ
އިންޓެލް ރިޕޯޓަކަށް ރިއާޔަތްކޮށް، ފެނަކަ ސައީދުގެ ޕާސްޕޯޓު ދޫނުކުރަން ޕީޖީން ކޯޓުގައި އެދިއްޖެ

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާ ގުޅޭ ގޮތުން ފުލުހުންގެ ފަރާތުން ލިބިފައިވާ އިންޓެލިޖެންސް ރިޕޯޓަކަށް ބުރަވެ، އޭނާގެ ޕާސްޕޯޓު ދޫނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ސައީދުގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން ޝަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 9 އިން ފެށިގެން ހިފަހައްޓައިފަ އެވެ.

ނަމަވެސް ބޭސްފަރުވާއަކަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް މެޑިކަލް ޑޮކިއުމަންޓުތަކާ އެކު، މި އަހަރުގެ މޭ މަހު ސައީދު އެދިވަޑައިގަތުމުން ޕީޖީ އޮފީހުން ކޯޓުގައި އޭރު ބުނެފައި އޮތީ 15 ދުވަހުގެ މުއްދަތަށް އޭނާ އަށް ޓްރެވެލް ޑޮކިއުމަންޓެއް ދޫކުރަން އިއުތިރާޒެއް ނެތް ކަމަށެވެ.

އެކަމަކު، އޭގެ ފަހުން ލިބުނު އިންޓެލިޖެންސް ރިޕޯޓަކަށް ރިއާޔަތްކޮށް ޕީޖީ އޮފީހުން ކޯޓަށް އަންގާފައިވަނީ ސައީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ނުވަތަ އޭނާގެ ޕާސްޕޯޓު ދޫކުރަން އިއުތިރާޒު ކުރާ ކަމަށެވެ. އެކަން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވެސް "މިހާރު" އަށް މިރޭ ކަށަވަރު ކޮށްދެއްވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ސައީދުގެ މައްޗަށް ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރި އެވެ. އެކަމަކު، އެ ވެރިކަން ނިންމައިލީ އޭނާ އަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އޭގެ ތެރޭގައި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ޕްރޮޖެކްޓް ހަވާލުކުރުން ފަދަ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެނަކައިގެ މުވައްޒަފުން ވެސް އޭސީސީ އަށް ހުށަހެޅި އެވެ.

އެކަމަކު، އެ ވެރިކަން ބަދަލުވުމާ އެކު، ފެނަކައިގެ އާ މެނޭޖްމަންޓަށް ގިނަ މައްސަލަތަކެއް ފާހަގަވެގެން އަލުން އޭސީސީއަށް ވަނީ ހުށަހަޅައިފަ އެވެ. އޭގެތޭރޭގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ފެނަކަ ކުންފުނިން އަމަލުކޮށްފައިވާ ގިނަ މައްސަލަތަކެއް ހިމެނެ އެވެ.

މަގާމުގެ ނާޖާއިޒު ފައިދާ ނަގައި، އިންހައުސްކޮށް ކޮށްފައިވާ 60 ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ތެރެއިން 25 ޕްރޮޖެކްޓުގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވެ އެވެ. އެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ އިން-ހައުސްކޮށް ކުރުމަށް އެކި ރަށްރަށުގައި އިންޖީނުގެ އެޅުމާއި ޕަވާ ސްޓޭޝަން އަދި އޮފީސް އިމާރާތް އެޅުމުގެ މަޝްރޫއުތަކެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުވާކުރަން ޕީޖީ އޮފީހަށް ކުރިން އޮތީ ފޮނުވައިފަ އެވެ.

އެ 25 މަޝްރޫއު ހިންގުމަށް ބީއޯކިޔުއެއް އަދި މާކެޓުގެ އަގުތަކަށް ބަލާފައި ނުވާއިރު، އޭގެ ތެރެއިން މަދު މަޝްރޫއެއް ފިޔަވައި، ގިނަ މަޝްރޫއުތަކުގެ މަސައްކަތުގެ 50 ޕަސެންޓާ ގާތަށް ވެސް ނުނިމެ އެވެ. އެ ޕްރޮޖެކްޓްތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ދޫކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދު 508 މިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.

ސައީދުގެ ފަހުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެފައިވާ ގޮތުގައި، އެކި މަރުހަލާތަކުގައި ހުރި މަޝްރޫއުތައް ނިންމަން ބިލިއަނެއްހާ ރުފިޔާ އިތުރަށް ހަރަދުކުރަންޖެހޭނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނުއިރު، ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑެތި ކޮރަޕްޝަންތައް ހިންގައި، އަޑިއަޅާލާފައި އޮތީ ވެސް ފެނަކަ އެވެ.