ފެހެންދޫ ސްކޫލަށް ޓީޗަރުން ނުލިބޭ މައްސަލަ ހައްލުކުރަނީ
ފެހެންދޫ ސްކޫލަށް ޓީޗަރުން ނުލިބޭ މައްސަލަ ހައްލުކުރަނީ

ބ. ފެހެންދޫ ސްކޫލަށް ދިމާވެފައިވާ ޓީޗަރުން ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް ޓީޗިން ތަމްރީނާއި އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ރައީިސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ފެހެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.

އެ ރަށުގައި ތިބޭނެ ދާއިމީ ޓީޗަރުން ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް އަދި މިހާތަނަށް އެކަން ކާމިޔާބު ނުވާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ތަމްރީނުތައް ފޯރުކޮށްދީ ބޭނުންވާ އެހީތައް ދީގެން ވެސް ޓީޗަރުންގެ ދަތިކަން ހައްލު ކޮށްދެއްވާނެ ކަމަށެވެ.

"ބޭނުންވަނީ އެކަމުގައި ޝައުގުވެރިކަން ފާޅުކޮށްގެން މި ރަށުގައި ގާއިމްވެ ތިބުމަށް ބޭނުންވާނެ ޓީޗަރުން ހޯދަން. އަދި ޓީޗަރެއް ނެތިއްޔާ ޓީޗާ ޓްރެއިނިންގް ދީގެން ވެސް އަޅުގަނޑުމެން ރަށުގެ ކުދިންނަށް ބޭނުންވާ ތައުލީމު ފޯރުކޮށްދޭން ބޭނުންވާ ފެންވަރަށް ޓެރެއިނިން ދޭން ވެސް މިތިބީ ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މި މަސައްކަތް އަމަލީ ގޮތުން މިރަށުގައި ފެށިގެންދާނެ."

ފެހެންދޫ ސްކޫލުގައި މިހާރު ކިޔަވައިދެނީ ސެޓްލައިޓް ކޮށެވެ. އެ ސްކޫލު ހިންގަނީ ބ. ގޮއިދޫ ސްކޫލުންނެވެ. އެ ސްކޫލުގައި 26 ކުދިން ކިޔަވަމުން އަންނައިރު ކިޔަވައިދޭން ތިބެނީ އެންމެ ތިން ޓީޗަރުންނެވެ.

ދިވެހި ޓީޗަރުން ނުލިބުމުގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް މިހާރު ދިމާވެފައިވާ މައްސަލައެކެވެ. ހާއްސަކޮށް އާބާދީ ކުދި ރަށްތަކުގައި ވަޒީފާ އަދާކުރަން ޓީޗަރުން ބޭނުންނުވާ މައްސަލަ ބޮޑެވެ.