12 އޯގަސްޓް 2025 - 17:51

ކުވައިތުގެ އަލް އަރާބީ އަތުން ބަލިވެ، އޭއެފްސީ ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖުން މާޒިޔާ އަށް ފުރުސަތު ގެއްލިއްޖެ އެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު އަލް އަރާބީ ކާމިޔާބު ކުރީ 4-0 ންނެވެ.
މިދިޔަ އަހަރު މުޅިން އަލަށް ފެށި ޗެލެންޖް ލީގުގައި މާޒިޔާ އާއި އަލްއަރާބީ އަށް ވެސް ގުރޫޕް ސްޓޭޖުން ސީދާ ޖާގަ ލިބުނެވެ. ގުރޫޕް ސްޓޭޖްގައި އަލް އަރާބީއާ ދެކޮޅަށް ކުވައިތުގައި ކުޅުނު މެޗުން މާޒިޔާ ބަލިވީ 2-0 ންނެވެ.
މާޒިޔާ އާއި އަލް އަރާބީ ހިމެނުނު ގުރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒް އުސޫލުން ކުޅުނީ ކުވައިތުގަ އެވެ.
މާޒިޔާއިން ރަސްމީ އެއްވެސް މުބާރާތެއްގައި ވާދަނުކުރާތާ އަހަރެއް ފަހުން ކުޅުނު ފުރަތަމަ ރަސްމީ މެޗު ފެށިގެން ތިން މިނެޓްތެރޭ އެ ޓީމުގެ މައްޗަށް އަލް އަރާބީން ލީޑް ނެގި އެވެ.
އެ ލަނޑު ޖެހީ އެ ޓީމުގެ ބިދޭސީ ފޯވާޑް އަނޔޯ އައިވޯލާ އެވެ. އަދި ދެވަނަ ލަނޑު 11 ވަނަ މިނެޓްގައި ޖެހީ ބެލްޖިއަމްގެ ޖޫލިއަން ނަގޯއީ އެވެ.
މެޗުގެ ކުރިން މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފައި ވަނީ ޑިފެންސްގެ ގޯސްތައް މަދުކުރެވިއްޖެނަމަ، މާޒިޔާ އަށް މެޗުން މޮޅުވުމުގައި ފުރުސަތުތަކެއް ހޯދިދާނެ ކަމަށެވެ. ނަމަވެސް ހީކުރި ވަރަށް ވުރެ އަވަހަށް ބައިކޮޅަށް ވަން ދެ ގޯލާ އެކު މާޒިޔާ އަށް ރަނގަޅު ގޭމެއް ވެސް ނުކުޅެވުނެވެ.
މެޗުގެ ދެވަނަ ހާފުގައި ރަނގަޅަށް ކުޅުނު ވަގުތުކޮޅެއް ދިޔަ އެވެ. އެކަމަކު އެ ރިދަމްގައި އެ ޓީމަށް ނުހިފެހެއްޓުނެވެ.
ދެވަނަ ހާފު ފަށައިގެން 10 މިނެޓް ނުކުޅެވުނީސް މާޒިޔާގެ ކޮޅަށް އަނެއް ލަނޑު ވަނެވެ. އެ ލަނޑު ޖެހީ ކްރިސްޓޮފާ ޖޯން އެވެ. މެޗުގެ 87 ވަނަ މިނެޓްގައި ހުސައިން އަޝްކަނާނީ އަލް އަރާބީގެ ހަތަރު ލަނޑު ޖެހި އެވެ.
އެ ޓީމުގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިންނެވެ.