ހިޔާ ފްލެޓާއި ގޯއްޗެއް ލިބުމުން އަތުލި ސިފްކޯ ފްލެޓް ހަވާލުކުރަން ހުކުމްކޮށްފި
ހިޔާ ފްލެޓާއި ގޯއްޗެއް ލިބުމުން އަތުލި ސިފްކޯ ފްލެޓް ހަވާލުކުރަން ހުކުމްކޮށްފި

ސިފްކޯ ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި އޮއްވައި ހިޔާ މަޝްރޫއުން ފްލެޓެއްގެ އިތުރުން ގޯއްޗެއް ވެސް ލިބުނު މީހަކަށް ސިފްކޯ ފްލެޓް ނުދޭން ނިންމި ނިންމުން ސިވިލް ކޯޓުން އިއްޔެ ބާތިލްކޮށް، އެއީ ސިފްކޯ ފްލެޓް ހައްގުވާ މީހެއްގެ ގޮތުގައި ބެލުމަށް ހުކުމްކޮށްފި އެވެ.

މީގެ 10 އަހަރު ކުރިން، 2014 ގައި ވަނީ ސިފްކޯ ފްލެޓްތައް ލިބޭ ސިފައިން ކަނޑައަޅައި، ޑައުންޕޭމަންޓް ދައްކަން އަންގާފައިވެ އެވެ. އެ ފްލެޓްތައް ލިބޭ ސިފައިން ޑައުންޕޭމަންޓްގެ ގޮތުގައި 91،200ރ. ދައްކާފައިވާއިރު، އެ ފްލެޓްތައް ނިމުނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

ސިފްކޯ ފްލެޓް ދިނުމުގައި އިސްކަންދޭނެ ކަންކަމުގެ ތެރޭގައި، އެ މީހަކަށް ނުވަތަ އެ މީހެއްގެ އަނބިން/ފިރި އަށް އެހެން ބޯހިޔާވަހިކަމެއް ލިބިފައިވާ ނެތުން ހިމެނެ އެވެ. އެކަމަކު އެއީ ޝަރުތެއް ނޫނެވެ.

ފްލެޓްތައް ނުނިމި ދިގުލައިގެންދިޔަ މުއްދަތުގައި، އެ ފްލެޓްތައް ލިބޭނެ ކަމަށް ކަނޑައަޅާފައި އޮތް ބައެއް މީހުންނާއި އޭގެ ބައެއް މީހުންގެ އަނބިން/ފިރިން ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބިފައިވެ އެވެ.

މީގެ ތެރެއިން ބައެއް މީހުންނަކީ ސިފްކޯ ފްލެޓަށް ޝަރުތު ހަމަވެ، ފައިސާ ދައްކަމުން ދިޔަ މީހުން ކަމަށް ވިޔަސް، ފަހުން ނިންމީ އެ މީހުންނަށް ސިފްކޯ ފްލެޓް ނުދޭށެވެ. މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ކޯޓަށް ދިޔަ ބައެއް މީހުންނަށް ފްލެޓް ދޭން މީގެކުރިން ނިންމާފައިވެ އެވެ.

ނަމަވެސް، އެ ނިންމުން ބަދަލުނުކޮށް އޮތް މީހެއްގެ ދައުވާއާ މެދު އިއްޔެ ސިވިލް ކޯޓުން ވަނީ ގޮތް ނިންމައިފަ އެވެ.

ސިފައިންގެ ކޯޕަރޭޓިވް، ސިފްކޯ އިން ކޯޓުގައި ބުނެފައިވާ ގޮތުގައި މި މައްސަލަ ހުށަހެޅި މީހާއަކީ ސިފްކޯ ފްލެޓަށް ޝަރުތު ހަމަނުވާ މީހެއް ކަމަށް ކަނޑައެޅީ އޭނާގެ ނަމުގައި 525 އަކަފޫޓްގެ ފްލެޓަކާއި އޭނާ އާއި އިތުރު ހަތަރު މީހެއްގެ ނަމުގައި 2000 އަކަފޫޓްގެ ބަންޑާރަ ގޯއްޗެއް އޮތްކަން އެނގުމުންނެވެ. އެކަމަކު އޭނާ އެ ފްލެޓާއި ގޯތި ހޯދާފައިވަނީ ސިފްކޯ ފްލެޓް ލިބޭ ކަމަށް ކަނޑައެޅި ފަހުންނެވެ.

އަދި އޭނާ ހިޔާ މަޝްރޫއުއިން ފްލެޓެއް ހޯދާފައިވަނީ ސިފްކޯ ފްލެޓްގެ މައުލޫމާތު ނުދީ ކަމަށް ވެސް ސިފްކޯ އިން ބުނެފައިވެ އެވެ.

މި މައްސަލައިގައި އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނީ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޝަރުތެއް ހަމަވޭތޯ ބެލޭނެ އެންމެ ފަހުގެ ތާރީހަކީ ޝަރުތުގެ މައްޗަށް ބިނާކޮށް ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅައި ފްލެޓްގެ ހައްގުވެރި ފަރާތަށް އަންގާ ހިސާބު ކަމަށެވެ. އޭނާ ޑައުންޕޭމަންޓް ވެސް ދައްކާފައި އޮތުމުން، ޝަރުތު ހަމަވޭތޯ ބެލުމުގެ މަރުހަލާ ނިމި އެއްބަސްވުމެއް އުފަންވެފައިވާ ކަމަށް ހުކުމްގައިވެ އެވެ.

އެހެންވެ، ފްލެޓް ދޫކޮށްފައިވާ އުސޫލުގައި ބުނާ ޝަރުތުތަކެއް އުނިވިކަމަށް ބަލައި ފްލެޓް ނުދިނުމަކީ ކުރިން ނެތް ޝަރުތެއް ކުރިމަތިކޮށް، ގޯސްކޮށް ނިންމާފައިވަނީ ނިންމުމެއް ކަމަށް ކަނޑައެޅި އެވެ.

އެހެންވެ، ދައުވާކުރި މީހާގެ ނަން އުނިކުރަން ނިންމާފައިވާ ނިންމުން ބާތިލްކޮށް، ދައުވާ ކުރި މީހާގެ ނަމަކީ ފްލެޓް ލިބޭ މީހުންގެ ދަފްތަރުން އުނިކޮށްފައިވާ ނަމެއް ކަމަށް ނުބެލުމަށާއި ފްލެޓްގެ އެއްބަސްވުމުގައި ސޮއިކޮށް އެ ތަނުގެ ތަޅުދަނޑި އޭނާއާ ހަވާލުކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.