12 އޯގަސްޓް 2025 - 10:39

ބ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް މިއަދު ފަށައިފި އެވެ.

އެ ހިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެ ރަށުގަ އެވެ.
މެމޮގްރަފީ އަކީ އުރަމަތީ ކެންސަރުގެ އެއްވެސް އަލާމާތެއް ބޭރުފުށުން ނުފެންނަ އިރު، އެ ބާވަތުގެ ކެންސަރު ޖެހިފައި ހުރިކަން ދެނެގަންނަން ހަދާ ޓެސްޓެކެވެ.
މެމޮގްރަފީގެ ހިދުމަތާ އެކު، އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާގެ ހިދުމަތް އިތުރަށް ބ. އަތޮޅުގައި ފުޅާވާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ވެސް ރޭ ވަނީ ހަވާލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ނިމުމުން އާބަން ސެންޓަރުތަކުގައި ހުންނަންވާ ފެންވަރަށް ސިއްހީ ހިދުމަތް އޭދަފުށިން ލިބޭނެ ކަމަށެވެ.
މެމޮގްރަފީގެ ހިދުމަތް ބ. އަތޮޅު ހޮސްޕިޓަލުގައި ފެށި ނަމަވެސް ޖާގައިގެ ދަތިކަން އިންތިހާ އަށް ބޮޑެވެ. އެހެންވެ، އާ ހޮސްޕިޓަލާ އެކު އެކަން ހައްލުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.