11 އޯގަސްޓް 2025 - 17:48

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާދީ ހަ މީހަކު މަރާލި ޖަރީމާ އދ. އިން ކުށްވެރިކޮށްފި އެވެ.
ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކުގައި ރޭ ދިން ހަމަލާއެއްގައި ހަތަރުގެ އަލް ޖަޒީރާގެ ފަސް ނޫސްވެރިޔަކާއި ފްރީލާންސް ނޫސްވެރިއެއް ވަނީ މަރުވެފަ އެވެ.
އިޒްރޭލުން ވަނީ މިއީ އަލް ޖަޒީރާގެ މަޝްހޫރު ރިޕޯޓަރު އަނަސް އާލް ޝަރީފަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް އެއްބަސްވެފަ އެވެ. ނޫސްވެރިން ތިބޭ ޓެންޓަކަށް ދިން އެ ހަމަލާގައި އޭނާ ޝަހީދުވެފައިވާ ވާއިރު އެއީ ހަމާސްގެ "ޓެރަރިސްޓެއް" ކަމަށް އިޒްރޭލުން ސިފަކުރެ އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވޮލްކާ ތުރުކްގެ އޮފީހުން އެކްސްގައި ބުނީ އިޒްރޭލުގެ އަސްކަރިއްޔާގެ އަމާޒަކީ ގަތަރުގެ ބްރޯޑްކާސްޓަރު އަލް ޖަޒީރާގެ ފަސް މުވައްޒަފަކު ތިބޭ ޓެންޓެއް ކަމަށެވެ.
"ނޫސްވެރިން ހިމެނޭ ގޮތަށް، ހުރިހާ އާންމުންނަށް ހިމާޔަތް ދޭންޖެހޭނެ،" އިޒްރޭލުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޣައްޒާގައި ހަމަލާދޭން ފެށި ފަހުން މިހާތަނަށް ފަލަސްތީނުގެ 242 ނޫސްވެރިން މަރުވެފައިވާކަން ފާހަގަކުރަމުން އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
"ޣައްޒާގައި ނޫސްވެރިންނަށް އެއްވެސް ހުރަހެއް ނެތި ރައްކާތެރިކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް ވަގުތުން ގާއިމުކޮށްދިނުމަށް ގޮވާލަން،" އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ ފަރާތުން ނެރުނު ބަޔާނުގައިވެ އެވެ.
މީޑިއާގެ މިނިވަންކަމަށް މަސައްކަތްކުރާ ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވެސް ވަނީ ނޫސްވެރިންނަށް ދިން ހަމަލާ ހަރުކަށިކަމާ އެކު ކުށްވެރިކުރާ ކަމަށް ބުނެފަ އެވެ.