11 އޯގަސްޓް 2025 - 16:11

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހައިސިއްޔަތުން އުފުއްލަވަން ޖެހޭ މަސްއޫލިއްޔަތުތަކާ އަޅާބަލާއިރު ލިބެނީ މާކުޑަ މުސާރައެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ބައެއް މެންބަރުން މިއަދު އާއްމު ކޮމިޓީގައި ޝަކުވާކުރައްވައިފި އެވެ.
މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބޭއްވީ މަޖިލީހުގެ ގަވައިދު އިސްލާހުކުރުމާ މެދު މެންބަރުންގެ ހިޔާލު ހޯދައި، އެކަމާ ގުޅިގެން މެންބަރުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށެވެ. ގާތްގަނޑަކަށް 10 ވަރަކަށް މިނެޓަށް ކުރިއަށްދިޔަ ބައްދަލުވުމުގައި ގިނަ މެންބަރުން ފާހަގަކުރެއްވީ މުސާރައިގެ ކަންބޮޑުވުމެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހުމާން ވިދާޅުވީ އާންމު ރައްޔިތުންނަށް ފެންނަ ގޮތުގައި މަޖިލީހުގެ މެންބަރެއްގެ މުސާރައަކީ 100،000 ނޫނީ 85،000 ރުފިޔާ ކަމަށްވީ ނަމަވެސް، ހަގީގަތުގައި މެންބަރެއްގެ މުސާރައަކީ 42،500 ރުފިޔާ ކަމަށެވެ.
މަޖިލީހަށް ހާޒިރު ނުވާ ދުވަހެއްގައި މުސާރަ ލިބުނަސް ކޮމިޓީ އެލަވަންސެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ. އެހެންވެ، އެކަންކަމަށް ރިއާޔަތްކޮށްދޭން އޭނާ އެދިވަޑައިގަތެވެ.
ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު ވެސް ވިދާޅުވީ މެންބަރުންނަށް ލިބެނީ ބޮޑު މުސާރައެއް ކަމަށް އާންމު ރައްޔިތުންނަށް ހީވެފައި އޮންނަ ކަމަށެވެ. އެކަމަކު، މަސް ނިމޭއިރު މެންބަރުން ވެސް ތިބެނީ އެކި ގޮތްގޮތަށް ހަރަދުތައް ކުރަން ޖެހި ނުތަނަވަސް ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރަކަށް އެލެވަންސްގެ ގޮތުގައި ލިބެނީ 20،000 ރުފިޔާ އެވެ. މާލެ ސަރަހައްދުގައި ކުއްޔަށް އުޅޭއިރު އެއީ ވަރަށް ކުޑަ އަދަދެއް ކަމަށާއި ތިން ކޮޓަރީގެ އެޕާޓްމެންޓެއް ވެސް ކުއްޔަށް ލިބެނީ 24،000 ރުފިޔާ އަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އާންމު ރައްޔިތުންނަށް ހީވެފައި އޮންނަނީ އަޅުގަނޑުމެން ހާޒިރު ނުވިޔަސް ބަރާބަރަށް މުސާރަ ވެސް ލިބެއޭ. މިއީ ހަމަ ރައްޔިތުންނަށް އޮޅިފައި އޮންނަ ބޮޑު އޮޅުމެއް. އެހެންވެ، މިކަމަށް ބަދަލު ގެންނަން މަސައްކަތް ކުރުމަކީ މަޖިލިސް މެންބަރުންގެ ޒިންމާއެއް ކަމަށް ދެކެނީ،" ރިޔާޒު ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ މެންބަރުންގެ މުސާރައަކީ ވަރަށް ބޮޑު މުސާރައެއް ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭ ކަމަށާއި ނަމަވެސް، މެންބަރެއްގެ އަސާސީ މުސާރައަކީ 42،500 ރުފިޔާ ކަމަށެވެ. އެއީ، މިނިސްޓަރެއްގެ މުސާރައަށް ވުރެ ވެސް ކުޑަ އަދަދެއް ކަން ފާހަގަކުރެއްވި އެވެ.
އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއު ވެސް ވިދާޅުވީ މެމްބަރު ކަމަށް ނުކުމެވަޑައިގަތީ، "ކަނޑަށް ނުކުތީމަ ރާޅު ޖަހާނެ ކަން" ވެސް އެނގިވަޑައިގެން ކަމަށެވެ. ނަމަވެސް މަޖިލީހުން ނިންމާ ނިންމުންތަކާ ގުޅޭ ގޮތުން މީޑިއާތަކުން ހަބަރު ގެންނަނީ އޮޅޭ ގޮތަށް ކަމަށް ވިދާޅުވި އެެވެ.
އެކަމުގެ ސަބަބުން މަޖިލިސް މެންބަރުންނަށް ރައްޔިތުންގެ ޕްރެޝަރުތަކާ ކުރިމަތިލާން ޖެހޭތީ، މެންބަރުން ނިންމާ ނިންމުންތަކާ ގުޅޭ ސާފު ހަބަރުތައް މަޖިލީހުން ހާމަކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.