މާޒިޔާގެ މެޗު ރާއްޖޭގެ ފުޓްބޯޅަ އަށް މުހިންމު: ލުއިސްމާ
މާޒިޔާގެ މެޗު ރާއްޖޭގެ ފުޓްބޯޅަ އަށް މުހިންމު: ލުއިސްމާ

އޭއޭފްސީ ޗެލެންޖް ލީގުގެ ކޮލިފައިން މާދަމާ މާޒިޔާއިން ކުޅޭ މެޗު ރާއްޖޭގެ ފުޓްބޯޅަ އަށް ވަރަށް މުހިންމު ކަމަށް އެ ޓީމުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.

ކޮލިފައިންގައި މާޒިޔާއިން މާދަމާ ހަވީރު ނުކުންނާނީ ކުވައިތުގެ އަލް އަރަބިއާ ދެކޮޅަށެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެ މެޗަކީ ދޮޅު އަހަރަށް ފަހު ސީނިއާ ފުޓްބޯޅައިގައި ރާއްޖޭގެ ފަސްގަނޑުގައި ކުޅޭ ފުރަތަމަ މެޗެވެ. ފުޓްބޯޅަ އަށް ގޮންޖެހުން ބޮޑު ވަގުތެއްގައި، މާޒިޔާއިން ކުރިމަތިލާ މަޗަކީ ރާއްޖެ އަށް މުހިންމު މެޗެއް ކަމަށް ލުއިސްމާ ދެކެ އެވެ.

މާދަމާގެ މެޗަކީ، މި އަހަރު ޖެނުއަރީ މަހު މާޒިޔާގެ ކޯޗުކަމާ ހަވާލުވި ސްޕެއިންގެ ތަޖުރިބާކާރު އެ ޓީމު ގޮވައިގެން ނުކުންނަ ރަސްމީ ފުރަތަމަ މެޗު ވެސް މެ އެވެ.

"މިއީ އަހަރެމެންގެ ފުޓްބޯޅަ އަށް ވަރަށް މުހިންމު މެޗެއް. ރާއްޖޭގެ ފެޑެރޭޝަން [އެފްއޭއެމް] އަށް ވެސް އާ ލީޑާޝިޕެއް އަތުވެއްޖެ. އަހަރެމެން އެންމެން ގުޅިގެން މި މެޗުން މޮޅުވެވޭނެ،" ކުރިން ކުވައިތުގެ ލީގުގައި ވެސް މަސައްކަތް ކުރި ލުއިސްމާ ބުންޏެވެ.

އޭނާ ބުނީ މާޒިޔާގައި ގައުމީ ޓީމުގެ ކުޅުންތެރިން ގިނަ އަދަދަކަށް ތިބުމުން، ރާއްޖޭގެ ފުޓްބޯޅަ އަށް އެހީވުމުގައި ވެސް އޭނާ އަށް ޒިންމާތަކެއް އޮތް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

އޭއެފްސީ ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖުގައި މާޒިޔާއިން ވަނީ މިދިޔަ އަހަރު ވެސް އަލް އަރަބިއާ ދެކޮޅަށް ކުޅެފަ އެވެ. ކުވައިތުގައި ކުޅުނު މާޒިޔާ ހިމެނުނު ގުރޫޕް ސްޓޭޖުގައި، އެއްވެސް މެޗަކުން އެ ޓީމު މޮޅެއް ނުވި އެވެ.

ލުއިސްމާ ބުނީ މިދިޔަ އަހަރު މާޒިޔާއިން ކުޅުނު މެޗުތައް ވެސް އޭނާ ކުޅުންތެރިންނަށް ވީޑިއޯ މެދުވެރިކޮށް ދެއްކި ކަމަށެވެ. އެ މެޗުތަކުގައި ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަ ކުރާނެ މާ ބޮޑު ހަނދާނެއް ނެތް ކަމަށް އޭނާ ބުންޏެވެ.

"(އެ މެޗުތަކުގެ އަލީގައި) އަހަރެމެން ޑިފެންސް ކުރާނީ ކިހިނެއްތޯ ހަމަލާ އުފައްދާނީ ކިހިނެއްތޯ. އަހަރެން ކުޅުންތެރިންނަށް ކިޔައި ދިނިން. އަހަންނަށް ހީވަނީ މިދިޔަ އަހަރަށް ވުރެ މާޒިޔާގެ ކުޅުން މިހާރު ރަނގަޅު ވާނެހެން،" ލުއިސްމާ ބުންޏެވެ.

"އެކަމަކު އަހަރެމެން ޖެހޭނެ ވަރަށް ބޮޑަށް ސަމާލުވާން. ފަސޭހަ ގޮތަކަށް ގޯލެއް ވަދެއްޖެއްޔާ ވަރަށް އުނދަގޫ ވާނެ."

ބޮޑު ބަޖެޓާއި ވަރުގަދަ ކުޅުންތެރިންނާ އެކު އަލް އަރަބި އަށް އެޑްވާންޓޭޖް އެބައޮތް ކަމަށް ލުއިސްމާ ބުންޏެވެ. އެކަމަކު މާޒިޔާގައި މިދިޔަ އަށެއްކަ މަހު ކުރި މަސައްކަތާ އެކު އެ ޓީމުގެ ކުޅުމަށް ގެނައި ބަދަލުތަކުގެ ފައިދާ ހޯދޭނެކަމުގެ އުއްމީދު އޭނާ އަށް އެބައޮތެވެ.

"އަހަރެމެންނަށް ރަނގަޅަށް ޑިފެންސް ކުރެވިއްޖެއްޔާ އަހަންނަށް އުއްމީދު އެބައޮތް. އަހަރެން މިހުރީ ވަރަށް އިތުބާރާ އެކު،" ލުއިސްމާ ބުންޏެވެ.