11 އޯގަސްޓް 2025 - 14:37

ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ސީޒަން ހުއްޓިފައި އޮތުމުގެ ސަބަބުން މާޒިޔާ އަށް ވާދަވެރި މެޗުތަކެއް ނުލިބި އޮތަސް، އެކަމުން އެ ޓީމަށް ފައިދާތަކެއް ނެގެން އޮންނާނެ ކަމަށް އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާއާ ދެކޮޅަށް މާދަމާ ނުކުންނަ ކުވޭތުގެ އަލް އަރަބިގެ ކޯޗު ބުނެފި އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނީ މާދަމާ ހަވީރު 3 ޖަހާއިރު ގަލޮޅު ދަނޑުގައި މި ދެ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. އަލް އަރަބިން މި މެޗާ ކުރިމަތިލަނީ ވާދަވެރި ސީޒަނަކަށް ފަހު، ޔޫއޭއީގައި ރަނގަޅު ޕްރީ ސީޒަނެއް ހަދައި އެކުވެރިކަމުގެ ވަރުގަދަ މެޗުތަކެއް ކުޅުމަށް ފަހު އެވެ. އަނެއްކޮޅުން މާޒިޔާ އޮތީ ލީގު މެޗެއް ނުކުޅެ އެވެ. އެ ޓީމަށް ކިރިޔާ ވެސް ވާދަވެރި މެޗުތަކެއް ލިބުނީ އެފްއޭއެމުން މިދިޔަ މޭ މަހު ބޭއްވި ނުރަސްމީ މުބާރާތެއް ކަމަށްވާ ލީގު ކަޕުގަ އެވެ.
އަލް އަރަބިގެ ކޯޗު ޕޯޗުގަލްގެ މާކޯ އަލްވެސް ބުނީ މާޒިޔާ އިން މަދު މެޗުތަކެއް ކުޅެފައި އޮތުމުން ވާދަވެރި މާހައުލެއްގައި ކުޅެން ދަތިވެދާނެ ކަމަށާއި އެކަމަކު އިތުރު މުބާރާތެއް ނެތުމުން މާޒިޔާގެ ހުރިހާ ސަމާލުކަމެއް މި މެޗަށް އޮތުމަކީ ފައިދާއަކަށްވާނެ ކަމަށެވެ.
"މާޒިޔާގެ ހުރިހާ ފޯކަސްއެއް އޮންނާނީ މި މެޗަށް. ވަރަށް ދުވަސްވެއްޖެ ހަމައެކަނި މި މެޗަށް ވިސްނައިގެން މާޒިޔާ އިން ތައްޔާރުވަމުން އަންނަތާ. އެހެންވީމާ އެއީ މާޒިޔާ އަށް ލިބޭނެ އެޑްވާންޓޭޖެއް. އަނެއްކާ މާޒިޔާ އަށް އިތުރު މެޗުތަކެއް މިވަގުތު ލިބެން އޮތީ ވެސް މި މެޗުން މޮޅުވެގެން މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވެގެން. އެހެންކަމުން މާޒިޔާ އިން އެ ޓީމަށް ކުރެވެން އޮތް ހިތްވަރެއް ކުރާނެ މި މެޗުގައި،" އަލްވެސް ބުންޏެވެ.
އޭނާ ބުނީ މާޒިޔާ އަށް އޮތް އަނެއް އެޑްވާންޓޭޖަކީ ބިދޭސީ ކުޅުންތެރިން ގިނަ ދުވަހު އެ ޓީމާ އެކު ކުޅެފައި ވުން ކަމަށެވެ. އަނެއްކޮޅުން އަލް އަރަބީގެ ބިދޭސީ ކުޅުންތެރިން ޓީމާ ގުޅުނީ ދާދި ފަހުން ކަމަށް އަލްވެސް ބުންޏެވެ.
"އެކަމަކު ވެސް އަހަރެމެން ޓީމުން އެއްވެސް ބަހަނާއެއް ނުދައްކާނެ. މޫސުމާއި، ވިނަގަނޑާއި، ރަށުން ބޭރުގައި ކުޅެން ޖެހުން މިއީ ގޮންޖެހުންތަކެއް. ރާއްޖޭގައި މިއޮތް ކަހަލަ ވިނަގަނޑެއް އެހެން އެއްވެސް ތަނަކުން ނުފެނޭ. އެއީ ވެސް ގޮންޖެހުމެއް. އެހެންވިޔަސް މާދަމާ ނުކުންނާނީ މޮޅުވާން. އެއްވެސް އުޒުރެއް، ބަހަނާއެއް ނުދައްކާނަން،"
އަލްވެސް ބުނީ އަލް އަރަބިގެ ގިނަ ކުޅުންތެރިންނަކީ އޭޝިއާގައި ކުޅެފައިވާ ކުޅުންތެރިން ކަމަށާއި، އަނެއްކޮޅުން ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންގެ ބައިނަލްއަގްވާމީ ތަޖުރިބާ ހުރުމުން އެ ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އަލް އަރަބި އަތުން ކުވޭތުގައި މާޒިޔާ 2-0 އިން ބަލިވި އެވެ. އަލްވެސް ބުނީ އެ މެޗާ، މާދަމާގެ މެޗާ ވަރަށް ތަފާތު ވާނެ ކަމަށެވެ. އެގޮތުން މޫސުމާއި، މާހައުލާއި، ދަނޑާއި ހުރިހާ ކަމެއް ތަފާތުވާނެތީ އެ ނަތީޖާ އިން މާދަމާ ލިބޭނެ ފައިދާ ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.
"އަނެއްކާ އެ މެޗުން މާޒިޔާ ބަލިވިޔަސް ވަރަށް މޮޅަށް ކުޅުނު. ވަރަށް ވާދަވެރިކޮށް ދިޔައީ. އެއީ މާޒިޔާ ބަލިވުން ހައްގު މެޗެއް ވެސް ނޫން،" ދާދި ފަހުން އަލް އަރަބީއާ ހަވާލުވި ކޯޗު ބުންޏެވެ.