08 ސެޕްޓެމްބަރ 2025 - 09:47

ތެލެސީމިއާ ފަރުވާއަށް ހާއްސަ ހޮސްޕިޓަލް އެޅުމުގެ އެގްރިމެންޓުގައި ސޮއިކުރިތާ އަހަރެއް ވާ އިރު ވެސް މަސައްކަތް ނުފެށި ދިގުލައިގެން ހިނގައްޖެ އެވެ.
ހުޅުމާލެ 2 ގައި އާ ހޮސްޕިޓަލް އެޅުމަށް ހެލްތު މިނިސްޓްރީން މެޑޯ އޭޝިއާ ކުންފުނި އަދި ޗިން ހިން ގްރޫޕް ބަރްހާދްއާއެކު ސޮއިކުރީ، މިދިޔަ އޮކްޓޯބަރު 15 ގަ އެވެ.
ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ މާސްޓަ ޕްލޭން ލޯންޗުކުރުމުގެ ތެރެއިން ބޭއްވި ރަސްމިއްޔާތުގައި އެގްރިމެންޓުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. މެޑޯ އޭޝިއާ ކުންފުނީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ ސްޓުއާޓް ޖޭ ވެނާ ޕެކް ސޮއި ކުރެއްވިއިރު، ޗިން ހިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ގުރޫޕް ސީއީއޯ ރޮޖާ ލިން އެވެ.
ނަމަވެސް، އެގްރިމެންޓުގައި ސޮއިކުރިތާ އަހަރެއް ވާއިރު ވެސް ހޮސްޕިޓަލުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފެށެ އެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތެލެސީމިއާ ހޮސްޕިޓަލު އަޅަން ބޭނުންވާ އިދާރީ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މިނިސްޓްރީން ކުރިން ބުނީ ތިން ބުރީގެ ހޮސްޕިޓަލަށް ފައިނޭންސިން ހަމަޖައްސާފައިވަނީ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިން ކުންފުނިން ކަމަށެވެ.
ތެލެސީމިއާ ހޮސްޕިޓަލުގެ އާ އިމާރާތް ޑިޒައިންކޮށްފައިވަނީ އިމަޖެންސީ ރޫމާއި ކެންޓީނެއްގެ އިތުރުން ކުޑަކުދިންގެ ކުޅޭ ސަަރަހައްދެކެވެ. އެ ތަނުގައި ލެބޯޓަރީ އާއި ބްލަޑް ޓްރާންސްފިއުޝަން ޔުނިޓަކާއި ބްލަޑް އަދި އޯގަން ޓްރާންސްޕްލާންޓް ޔުނިޓެއްގެ ގޮތުން ރޭޑިއޮލޮޖީ ޑިޕާޓްމެންޓެއް ހަދާނެ އެވެ.