ޒިންމާތަކުން ދުރުކުރި އެޗްޑީސީގެ ވެރިން ހަފުތާއެއް ވީ އިރު ވެސް މުއްދަތެއް ނެތި މަގާމުން އެކަހެރިކޮށްފައި
ޒިންމާތަކުން ދުރުކުރި އެޗްޑީސީގެ ވެރިން ހަފުތާއެއް ވީ އިރު ވެސް މުއްދަތެއް ނެތި މަގާމުން އެކަހެރިކޮށްފައި

ޒިންމާތަކުން ދުރުކުރި އެޗްޑީސީގެ ބައެއް ޑިޕާޓްމަންޓްތަކުގެ ވެރިން ހަފުތާއެއް ވީ އިރު ވެސް މުއްދަތެއް ނެތި އަދިވެސް ތިބީ މަގާމުތަކުން ދުރުކޮށްފައި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެނގިފައިވާ ގޮތުގައި، މަގާމުގެ ޒިންމާތަކުން ދުރުކުރިޔަސް އެ މީހުން އަދިވެސް އޮފީހަށް ނުކުމެ އެވެ. މުސާރަ ވެސް ހިނގަ އެވެ. އެކަމަކު، މަގާމުތަކާ ގުޅޭ އެއްވެސް ޒިންމާއެއް އެ މުވައްޒަފުން އަދާއެއް ނުކުރެ އެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ފަސް މުވައްޒަފުން މަގާމުން އެކަހެރި ކުރި ސަބަބެއް އެޗްޑީސީއަކުން ނުބުނެ އެވެ.

އެ ކުންފުނީގެ އިސްވެރިއަކު ކުރިން "މިހާރު"އަށް ވިދާޅުވި ގޮތުގައި، ބައެއް މަގާމުތަކުގައި ތިބި މީހުން ޒިންމާތަކުން އެކަހެރި ކުރިޔަސް، އެ މީހުން ސަސްޕެންޑްކޮށްފައި ނުވެ އެވެ. އެކަމަކު، އެ ފިޔަވަޅު އެޅި ސަބަބެއް އޭނާ ވިދާޅެއް ނުވި އެވެ.

މަގާމުތަކުން އެކަހެރި ކުރި މީހުންގެ މަގާމުގެ ޒިންމާތަކާ ގުޅޭ އެކްސެސްތައް ވެސް ވަނީ ކަނޑާލައިފަ އެވެ.

އެޗްޑީސީގެ ބައެއް ޑިޕާޓްމަންޓުތަކުގެ ވެރިން ޒިންމާތަކުން އެކަހެރި ކުރި އިރު، އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރަކަށް އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވަނީ މިދިޔަ މަހުގެ 30 ގައި އައްޔަންކޮށްފަ އެވެ. އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާރުޑީސީގައި ހަމަ އެ މަގާމު ފުރުއްވި މުހައްމަދު އަސްބާހު އަލީ ވަނީ އައްޔަންކޮށްފަ އެވެ.

އެޗްޑީސީގެ އެމްޑީގެ މަގާމު އެންމެ ފަހުން ފުރުއްވީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 22 އިން ފެށިގެން މިދިޔަ މަހުގެ 30 އާ ހަމައަށް އޭނާ އެ މަގާމު ފުރުއްވި އެވެ.

މައުރޫފު މަގާމުން އިސްތިއުފާ ދެއްވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެންގުމުންނެވެ. އެކަމަކު، އޭނާ ނިންމަވައިގެން ހުރީ މި މަހުގެ 18 އިން ފެށިގެން ރިޓަޔާ ކުރައްވާ ގޮތަށެވެ.