ހައި ކޯޓުގެ ފަނޑިޔާރުކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ މާހިރު ކުރިމަތިލައްވައިފި
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ މާހިރު ކުރިމަތިލައްވައިފި

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ގޮނޑިއަށް ބޭފުޅަކު ހޯދަމުން ކުރި އިއުލާނާ ގުޅިގެން ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު އެ މަގާމަށް ކުރިމަތިލައްވައިފި އެވެ.

ހައި ކޯޓުން ހުސްވި ދެ ގޮނޑިއަށް ފަނޑިޔާރުން ހޯދަން އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި 17 ބޭފުޅުންގެ ތެރެއިން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ މިހާރު ވަނީ އައްޔަންކޮށް ފަނޑިޔާރުކަމުގެ ހުވާ ވެސް ކުރައްވައިފަ އެވެ. ނަމަވެސް އޭނާއާ އެކު ދެން ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމި މުހައްމަދު ޝަހީދު ނަން އަނބުރާ ގެންދެވެމުން އިތުރު ބޭފުޅަކު ހޯދުމަށް އަލުން އޮތީ އިއުލާނުކޮށްފަ އެވެ.

ޝަހީދު ނަން އަނބުރާ ގެންދެވީ އޭނާ އަކީ ވެރިކަންކުރާ ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި އުޅުއްވައި އަދި ވަރަށް ފަހަކާ ޖެހެންދެން ވެސް ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަދި މަގާމަށް ކުރިމަތިލެއްވި އިރު ވެސް ޕީއެންސީ މެންބަރުންގެ ދަފްތަރުގައި އޮތް ބޭފުޅަކަށް ވުމުން އަމާޒުވި ފާޑުކިޔުންތަކާ އެކުގަ އެވެ.

ޝަހީދުގެ ބަދަލުގައި ފަނޑިޔާރުކަމަށް އައްޔަންކުރާނެ ބޭފުޅަކު ހޯދުމަށް މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނުގެ މުއްދަތު ހަމަވާނީ މާދަމާ އެވެ. އެންމެ ފުރަތަމަ ކުރި އިއުލާނާ ގުޅިގެން ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި، ފެމިލީ ކޯޓުގައި 15 ވަރަކަށް އަހަރު ހޭދަކުރައްވާފައިވާ މާހިރު ހިމެނިވަޑައެއް ނުގަންނަވަ އެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް އޮކްޓޫބަރު 13، 2022 ގައި ހަމަޖެއްސި މާހިރު އެންމެ ފުރަތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ ނޮވެމްބަރު 9، 2005 ގައި އޭރުގެ މަދަނީ ކޯޓަށެވެ. ފެމިލީ ކޯޓަށް ބަދަލުވީ މެއި 23، 2010 ގަ އެވެ.