ކެޓްރީނާ މާބަނޑު ކަމަށް އަޑު ފެތުރިއްޖެ
ކެޓްރީނާ މާބަނޑު ކަމަށް އަޑު ފެތުރިއްޖެ

ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް މާބަނޑު ކަމަށް އަޑު ފެތުރިއްޖެ އެވެ.

މި އަޑު ބޮޑަށް ފެތުރުނީ ރެޑިޓް އެކައުންޓެއްގައި ކެޓްރީނާ ބަލިވެއިން ކަމަށް ބުނެ މިދިޔަ ހަފުތާގައި ކޮށްފައިވާ ޕޯސްޓެއް ވައިރަލްވި ފަހުންނެވެ.

ނަމަވެސް، މި ޚަބަރު ކެޓްރީނާ އާއި އޭނާގެ ފިރިމީހާ އަދި ބޮލީވުޑްގެ ތަރި ވިކީ ކައުޝަލް މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އާންމުކޮށް ބޮލީވުޑްގެ ތަރިން ބަލިވެއިނުމުން ސޯޝަލް މީޑިއާގައި އެކަން އިއުލާން ކުރެ އެވެ. ކެޓްރީނާ އާއި ވިކީ މިހާތަނަށް އެ ކަހަލަ އިއުލާނެއް ކޮށްފައެއް ނުވެ އެވެ.

ކެޓްރީނާ މާބަނޑު ކަމަށް ބުނާއިރު އޭނާ ފިލްމީ މަސައްކަތްތަކާ ދުރުގައި އުޅޭތާ ވެސް މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް "ވިޒިޓް މޯލްޑިވްސް"ގެ ބްރޭންޑް އެމްބަސެޑަރަކަށް ހަމަޖައްސާފައިވާ ކެޓްރީނާ އިވެންޓަކުން ނުފެންނަތާ ވެސް މިހާރު ވަނީ ވަރަށް ގިނަ ދުވަސް ވެފަ އެވެ.

އެންމެފަހުން ކެޓްރީނާ ކުޅުނު ފިލްމެއް ނުކުތީ މިދިޔަ އަހަރު ޖެނުއަރީ މަހު އެވެ. އެއީ ދެކުނު އިންޑިއާގެ އެކްޓަރު ވިޖޭ ސެތުޕަތީއާއެކު ކުޅުނު ތުރިލާ ފިލްމު "މެރީ ކްރިސްމަސް" އިންނެވެ.

ކެޓްރީނާ މާބަނޑު ކަމަށް މީގެ އަހަރެއްހާ ދުވަސްކުރިން ވެސް އަޑު ފެތުރުނެވެ. އެކަމަކު، ވިކީ ވަނީ ފަހުން އެ ވާހަކަ ދޮގުކޮށްފަ އެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން ވިކީ އާއި ކެޓްރީނާ ކައިވެނި ކުރީ ޑިސެމްބަރު 9، 2021 ގަ އެވެ.