10 އޯގަސްޓް 2025 - 22:59

ފުލުހުންގެ އަމުރަށް ތަބާނުވެ، ހުޅުމާލޭގައި ރޭ ބާރު ސްޕީޑުގައި ކާރު ދުއްވި ޒުވާނާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ހުޅުމާލޭގައި ފުލުހުންނަށް ފިލަން ކާރު ދުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ހ. ފިލިމާގެ، އައިކް ހައިޝަމް ހަސަން، 18، އެވެ. އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އެއީ ކޮން ޝަރުތުތަކެއް ކަމެއް ފުލުހުން ނުބުނެ އެވެ.
މި މައްސަލައާ ގުޅިގެން އަންހެނެއް ވެސް ރޭ ހައްޔަރުކުރި އެވެ. ނަމަވެސް، އެމީހާ ރޭ ފުލުހުން ވަނީ ދޫކޮށްލައިފަ އެވެ. އެ އަންހެން މީހާއަކީ ބާރު ސްޕީޑުގައި ދުއްވި ކާރުގެ ކުރީ ސީޓުގައި އިން މީހާ އެވެ.
ފުލުހުން ބުނި ގޮތުގައި، އެ ކާރު މަޑުކުރަން ފުލުހުން އެންގުމުން އެ އަށް އިޖާބަ ނުދީ، ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގައި ދުއްވި އެވެ. އަދި އެ ކާރުގެ ފަހަތުން އެ ވަގުތު ދިޔަ ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލި އެވެ. އެ ހާދިސާގައި ފުލުހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ.
ފުލުހުން އެ ކާރު ހުއްޓުވީ ހުޅުމާލޭގެ ދިރާގު އޮފީހާ ހިސާބުން ހުޅުމާލެ 2 ގެ ޗެނަލް ބްރިޖު ކައިރިންނެވެ.
ފުލުހުން މިއަދު ބުނީ އަނިޔާވި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.