އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވަން ނިންމައިފި
އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވަން ނިންމައިފި

އެޗް1އެން1 ފެތުރެމުން ދާތީ ސްކޫލްތައް ބަންދުކުރުމަށް ފަހު، އަންނަ އާދީއްތަ ދުވަހު އަލުން ހުޅުވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މިއީ ފުރަތަމަ ޓާމްގެ ބަންދު ހަފުތާއެއް ނަމަވެސް ރޯގާ އުޅޭތީ ތިން ދުވަސް ކުރިން ވަނީ ބަންދުކޮށްފަ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ހުމާއި އަރިދަފުސް ރޯގާއާ އެކު ސްވައިން ފްލޫ ވެސް ފެތުރެމުން ދާތީ ސްކޫލްތައް ބަންދުކުރީ މިދިޔަ ހަފުތާގަ އެވެ.

ގައުމީ ޔުނިވަސިޓީން ވެސް ވަނީ އާދީއްތަ ދުވަހު އަލުން ކިޔެވުން ފަށަން ނިންމައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސްކޫލްތައް ހުޅުވަން ނިންމީ، ބަންދުކުރިތާ 10 ދުވަހުގެ ތެރޭގައި ރޯގާ ފެތުރެމުން ދިޔަ މިންވަރާއި އިޖުތިމާއީ ހާލަތަށް ބެލުމަށް ފަހު އެވެ.

"ނަމަވެސް އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ރޯގާގެ އެއްވެސް އަލާމާތެއް ކުއްޖެއްގެ ކިބައިން ފެންނަ ނަމަ އެ ކުއްޖަކު ސްކޫލަށް ނުފޮނުވައި ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަށް މި ފުރުސަތުގައި އިލްތިމާސް ކުރަމެވެ." މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިއްޔެ އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް އެޗް1އެން1 އަށް ޓެސްޓްކުރި 460 މީހުންގެ ތެރެއިން 169 މީހަކަށް ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެޗް1އެން1 ޖެހިގެން މިހާތަނަށް ތިން މީހަކު މަރުވެފައިވާއިރު 33 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވެ އެވެ.