ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހަ މަހުން 34،000 ޓަނުގެ ކާގޯ އުފުލައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހަ މަހުން 34،000 ޓަނުގެ ކާގޯ އުފުލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހަ މަސް ތެރޭ 34،500 ޓަނުގެ މުދާ އުފުލައިފި އެވެ.

އެމްއޭސީއެލް އިން ބުނީ، ހަ މަސް ތެރޭގައި 25،262 ޓަނުގެ މުދާ އެތެރެ ކުރި ކަމަށެވެ. އަދި 2،432 މުދާ އެކްސްޕޯޓު ކުރި ކަމަށެވެ. އެއީ ހަ ޕަސެންޓުގެ އިތުރުވުމެކެވެ.

އޭގެ އިތުރުން ޓްރާންސްޝިޕްމެންޓް މުދާގެ ގޮތުގައި 6،879 ޓަނުގެ މުދާ އުފުލާފައިވެ އެވެ. އެއީ 12 ޕަސެންޓުގެ އިތުރުވުމެކެވެ. އޭގެ ތެރޭގައި ހިމެނެނީ އެއާ ޓު އެއާ 5،621 ޓަނުގެ މުދަލާއި ސީ ޓު އެއާ 1،258 ޓަނުގެ މުދަލެވެ.

އެންމެ ގިނަ ކާގޯ އުފުލާފައިވަނީ އެފްކޮމް މެދުވެރިކޮށެވެ. އެފްކޮމް ކާގޯއިން ހަފުތާއަކު ތިން ފްލައިޓު އޮޕަރޭޓު ކުރެ އެވެ. އޭގެ އިތުރުން ފްލައި ވާޔޫ އާއި އެމްޖެޓްސް އާއި ގަތަރު ކާގޯ އިން ވެސް މުދާ އުފުލަ އެވެ.

އަހަރަކު 120،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭ ގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި އާ ކާގޯ ޓާމިނަލް ހުޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

އެއީ، އެއާޕޯޓު ބޮޑުކުރުމަށް 2018 ވަނަ އަހަރު ފެށި މަޝްރޫއުގެ ދަށުން އިމާރާތްކުރެވުނު ތަނެކެވެ. އާ ކާގޯ ޓާމިނަލްގައި މުވައްޒަފުންނާއި ކާގޯގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަކޮށް ތިން ބުރީގެ އޮފީސް އިމާރާތެއް ހަދާފައިވާއިރު، މި ތަނުގައި އެއާލައިން ކާގޯ އަދި ކާގޯ ބްރޯކަރުނަށް ހާއްސަ 55 އޮފީސް ވަނީ ގާއިމް ކޮށްފަ އެވެ.