10 އޯގަސްޓް 2025 - 14:36

ހޮޓާ ހިންގުމާއި ކޭޓަރިންގެ ވިޔަފާރީގައި މަޝްހޫރުވި މުހައްމަދު ފާއިޒް (ދަނބުމާ ފާއިޒު)ގެ ރީތި އަތުލިޔުން، "ދަނބުމާ" ފޮންޓުގެ ގޮތުގައި މިއަދު ލޯންޗުކޮށްފި އެވެ.

މި ފޮންޓު ލޯންޗްކޮށްދެއްވީ ކުރީގެ ނޫސްވެރިޔާ، އަދި ލިޔުންތެރިޔާ މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) އެވެ.

ފާއިޒަކީ ކުރީގެ މަޝްހޫރު ކެލިގްރަފަރެއްކަން ފާހަގަކުރައްވައި އޭނާގެ މަސައްކަތަށް ސަލީމް ތައުރީފްކުރެއްވި އެވެ. އެފަދަ ރީތި ލިޔުއްވުންތައް ބަދަލުނުވެ ހުންނާނެ ގޮތަށް ޑިޖިޓަލައިޒްކުރުމަކީ، ފަހަށް ރައްކާތެރިކުރަން ކޮށްފައިވާ މުހިންމު މަސައްކަތެއްގެ ގޮތުގައި ވެސް ސަލީމް ސިފަކުރެއްވި އެވެ.
ލޫޕްކްރާފްޓުގެ ފައުންޑްރީ، "ރާއްޖެ ޓައިޕް"އިން ދަނބުމާ ފޮންޓް ނެރުނީ ފާއިޒު އޭނާގެ ދަރިންނަށް ލިޔުއްވައި ހަދިޔާކުރެއްވި ރެސިޕީ ފޮތެއްގައި ހުރި އަތުލިޔުން ނަކަލުކޮށްގެންނެވެ. އެ ފޮތުގައި އޭނާގެ އަމިއްލަ ރެސިޕީތަކާއި އެކި މީހުންގެ ރެސިޕީތައް ހިމަނާފައިވެ އެވެ.
އޭނާ އަކީ ކެފޭ، ރެސްޓޯރަންޓު އަދި ކޭޓަރިންގެ ވިޔަފާރިކުރެއްވި ވިޔަފާރިވެރި އެކެވެ.
ރެގިއުލާ އަދި ބޯލްޑް ވާޝަންގައި "ދަނބުމާ" ފޮންޓް ނެރުނެވެ. ބޯލްޑް ވާޝަނަށް ބޭނުން ކޮށްފައި ވަނީ މި ރެސިޕީ ފޮތުގެ ސުރުހީތަކުގައި ބޭނުންކޮށްފައިވާ އަތުލިއުމެވެ.
މި ފޮންޓު ލޯންޗްކުރަން ބޭއްވި ހަފްލާގައި ފާއިޒުގެ އާއިލާ އިން ބުނީ މި ފޮންޓު ނެރެން ނިންމީ، ފާއިޒު ހަދިޔާކުރި ރެސިޕީ ފޮތުގައި ހުރި އަތުލިޔުން ރީތިކަމުން، އެ އަތުލިޔުމުގައި ފޮތް ނެރެން ބޭނުންވެގެން ކަމަށެވެ. އަދި އެ ފޮތް ކޮފީ ހެއްދުމުގައި ބޮޑެތި އުނދަގޫތަކެއް ހުރުމުން، އަތުލިޔުން ފޮންޓަކަށް ބަދަލުކުރުމުގެ ހިޔާލު ލިބި، ލޫޕްކްރާފްޓާ އެކު އެ މަސައްކަތް ކުރަން ނިންމީ ކަމަށެވެ.
ލޫޕް ކްރާފްޓްގެ ސީއީއޯ މުހައްމަދު ޝަމްހީލް ވިދާޅުވީ އެ ކުންފުނިން "ރާއްޖެ ޓައިޕް"ގެ ނަމުގައި ފައުންޑްރީއެއް ހަދައި، ފޮންޓު ޑިވަލޮޕްކުރަން ފެށީ ދިވެހީގެ ތަފާތު ފޮންޓުތައް ނެތުމުން، ޑިޒައިން މަސައްކަތްތަކުގައި ދަތިތައް ކުރިމަތިވާތީ ކަމަށެވެ. އަދި އެ ފައުންޑްރީން ރީތި، ތަފާތު ފޮންޓުތައް ނެރެފައިވާކަން ފާހަގަކުރައްވައި، "ދަނބުމާ" އަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ ރީތި ފޮންޓެއް ކަމަށް ވިދާޅުވި އެވެ.
"މި ފޮންޓު ޑިވެލޮޕްކުރަން، ރެސިޕީ ފޮތް ފުރަތަމަ ފެނުމުން ވެސް ފާއިޒު ލިޔުންތެރިކަމަށް ހުރި ޝައުގާއި ކެލިގްރަފީއަށް ހުރި ލޯބި ވަރަށް ބޮޑަށް ހާމަވި. އެއީ އަތުލިޔުން ރީތިވެފައި، ލިޔުމުގެ ފްލޯ އެފާޓްލެސްކަމުން ވަރަށް ޝައުގާ އެކު ކޮށްފައި ހުރި މަސައްކަތެއްކަން އެނގުނު،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ފޮންޓު ޑިވެލޮޕްކުރުމުގައި ފާއިޒުގެ އަތުލިޔުމުގެ އަސްލު ނުގެއްލޭނެ ގޮތަށް، އެ ފޮތުގައި ހުރި އަތުލިޔުމާއި ވީހާވެސް ގާތް ކުރާނެ ގޮތަށް އަކުރުތައް ނަކަލު ކުރަން ވަނީ މަސައްކަތްކޮށްފަ އެވެ. އެގޮތުން ކޮންމެ އަކުރެއް އެޅުމަށް ފަހު ވެސް ފޮތަށް ބަލައިގެން، އެ އަކުރެއް ފައިން ކުރުމުގައި ފޮތުގައި ހުރި އަކުރުތަކާއި އެއްގޮތްތޯ ޔަގީން ކުރުމަށް މަސައްކަތް ކުރިކަން ފާހަގަކުރެއްވި އެވެ.
މި ފޮންޓު މިހާރު ޑައުންލޯޑްކުރެވޭނެ އެވެ. "ދަނބުމާ" ފޮންޓުގައި ފާއިޒުގެ ރެސިޕީ ފޮތް ނެރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
ދަނބުމާ ފާއިޒަކީ ހޮބީއެއްގެ ގޮތުގައި އެކި ލިޔުންތައް ލިޔުނު ކެލިގްރަފާއެކެވެ. އޭނާ ލިޔެފައިވާ އަރަބި ތާނަ ބައެއް ލިޔުންތައް މާލޭ އާޓްގެލެރީގައި މިރޭ 10 ޖަހަންދެން ކުރިއަށްދާ އެގްޒިބިޝަނުން ބަލާލެވޭނެ އެވެ.