10 އޯގަސްޓް 2025 - 14:44

ކުވެއިތުގެ ވިޔަފާރިވެރިޔަކު ނ. މަނަދޫގައި ބިނާކުރެއްވި މިސްކިތް އިއްޔެ ހުޅުވައިފި އެވެ.

މަނަދޫގެ ބަނދަރުމަތީގައި އިމާރާތްކޮށްފައިވާ "ޚަލީފާ ތަލާލް އަލް ޖެރީ" މިސްކިތް ހުޅުއްވައިދެއްވީ އެ ރަށުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ މިސްކިތް ބިނާކޮށްދެއްވި ކުވެއިތުގެ ވިޔަފާރިވެރިޔާ އަލް ޖެރީ އެވެ.

ޖުމްލަ 114 މީހުންގެ ޖާގައިގެ އެ މިސްކިތް ހުޅުވުމަށް ފަހު މަނަދޫގެ ރައްޔިތުން ވަނީ އޭނާއަށް ހާއްސަ ޖާފަތެއް ވެސް ބާއްވައިފަ އެވެ.
މަނަދޫ ކައުންސިލްގެ މެމްބަރު މުއުމިނާ ސޯލިހް މިއަދު "މިހާރު"އަށް ވިދާޅުވީ އެ ރަށަކީ ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު އަރައިފައިބާ ރަށަކަށް ވާތީ، ބަނދަރާ ކައިރީގައި މިސްކިތެއް ހުރުމަކީ ރައްޔިތުން ވަރަށް ކުރީއްސުރެ ވެސް ބޭނުންވި ކަމެއް ކަމަށެވެ. މިހާރު މިސްކިތް ހުންނަނީ ބަނދަރާ ވަރަށް ދުރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މުއުމިނާ ވިދާޅުވީ މިހާރުގެ ކައުންސިލް އައިރު ބަނދަރުގައި މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީއާއެކު އަމިއްލަ ފަރާތަކުން އެއްބަސްވެފައި އޮތް ކަމަށާއި މިސްކިތް އަޅަން ބިން ވެސް ހަމަޖައްސާފައި އޮތް ކަމަށެވެ. އެ ބިން ސާފުކޮށް ކޮންޓްރެކްޓަރާ ހަވާލުކުރީ މިހާރުގެ ކައުންސިލުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ވަކި ހިސާބަކުން އެ މަސައްކަތް އެއްކޮށް ހުއްޓުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހިސާބުން ކައުންސިލުން ދެން މަސައްކަތްކުރީ އެ މަސައްކަތް ކުރިއަށް ގެންދެވޭނެ އިތުރު މަގެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ތިއްބާ އަޅުގަނޑާ ބައްދަލުވީ، 2023 ވަނަ އަހަރުގެ ނ. އަތޮޅު މަދަރުސާގެ އިނާމު ދިނުމުގެ ޖަލްސާއިން އޭރުގެ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދުއާ. އެ ރޭ ޖަލްސާ ނިންމާފައި ފިނި ހިއްޕެވުމުގެ ތެރެއިން އަޅުގަނޑުމެންގެ މެދުގައި ދެކެވުނު ވާހަކައިގެ ތެރެއިން ހިއްސާކުރެއްވީ އެ ބޭފުޅާ ހިންގަވާ ތަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ ވާހަކަތައް،" މުއުމިނާ ވިދާޅުވި އެވެ.
"ކޮމިއުނިޓީގެ ކަމެއް ކުރާ ނަމަ ދީލަތި އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވި. އެ ވަގުތު ވެސް އަޅުގަނޑު އަޒުމް ކަނޑައެޅީ، އެންމެ އިސްކަމެއް ދީގެން މި މިސްކިތް ބިނާކުރެވޭނެ ގޮތެއް ވޭތޯ ބެލުމަށް."
ތަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަނުން އެ ހުށަހެޅުން ގަބޫލުކޮށް، އެ ރަށުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފެށި އެވެ.
އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތްކުރީ މަނަދޫގައި އިތުރު މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
"އިއްޔެއަކީ ވަރަށް އުފާވެރި ދުވަހެއް. ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ދުވަހެއް. ރައްޔިތުންނަށްޓަކާ އެވަރުގެ ކަމެއް ކޮށްދިނީތީ މި ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ޝުކުރުވެރިވޭ،" މުއުމިނާ ވިދާޅުވި އެވެ.
"މިސްކިތް ބިނާކޮށްދެވި ބޭފުޅާ އާއި މިކަމުގައި މެދުވެރިވި ބޭފުޅާ ޑރ. އަބްދުﷲ ރަޝީދަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން."