ޣައްޒާގެ ހަމަލާތައް ވަރުގަދަކުރާތީ އިޒްރޭލުގައި މުޒާހަރާ
ޣައްޒާގެ ހަމަލާތައް ވަރުގަދަކުރާތީ އިޒްރޭލުގައި މުޒާހަރާ

ފަލަސްތީނުގެ ޣައްޒާގައި ދެމުންދާ ހަމަލާތައް ހުއްޓާލުމުގެ ގޮވާލުންތަކަށް އިޖާބަ ނުދީ ހަމަލާތައް އަދިވެސް އިތުރަށް ވަރުގަދަކޮށް ފުޅާކުރަން ނިންމުމުން ތެލް އަވީވްގެ މަގުތަކަށް އިއްޔެ އެތައް ހާސް ބަޔަކު ނުކުމެ އިޒްރޭލު ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފި އެވެ.

ޣައްޒާގެ ހަމަލާތައް ވަރުގަދަކުރާތީ އިޒްރޭލުގައި މުޒާހަރާ
ޣައްޒާގެ ހަމަލާތައް ވަރުގަދަކުރާތީ އިޒްރޭލުގައި މުޒާހަރާ

މުޒާހަރާގެ ބައިވެރިން ވަނީ ފަލަސްތީނުގެ ޖަމާއަތްތަކުން އަސީރުކޮށްފައި ތިބި އިޒްރޭލު މީހުން މިނިވަންވާނެ އެއްބަސްވުމަކަށް އަވަހަށް ދިއުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.

އެއްވުމުގައި ބައިވެރިވި މީހުންގެ އަދަދު ދިހަ ބާރަ ހާހުގައި އުޅޭނެ ކަމަށް އޭއެފްޕީގެ ނޫސްވެރިން އަންދާޒާކޮށްފައި ވާއިރު މި އެއްވުން އިންތިޒާމުކުރުމުގައި ބައިވެރިވެ ރަހީނުންގެ އާއިލާތަކުގެ މީހުން ބުނީ ބައިވެރިންގެ އަދަދު ލައްކައަކަށް އަރާނެ ކަމަށެވެ.

"އަހަރެމެން މިކަން ނިންމާނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދޭ މެސެޖަކުން. ޣައްޒާ ހިފައި [އެކަމުގެ ނަތީޖާއެއް ގޮތުން] ރަހީނުން މަރައިފި ނަމަ މައިދާންތަކާއި އިންތިހާބުގެ ކެމްޕެއިންތަކާއި އަދި ދިމާވި ކޮންމެ ތާކުން އަހަރެމެން ނަތަންޔާހޫއާ ދިމާކުރާނަން،" މުޒާހަރާގެ ބައިވެރިޔަކު އޭއެފްޕީ އަށް ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ނަތަންޔާހޫގެ ސެކިއުރިޓީ ކެބިނެޓުން ވަނީ ޣައްޒާ ސިޓީގެ ކޮންޓްރޯލް ނެގުމުގެ އޮޕަރޭޝަނެއް ފަށަން ފާސްކޮށްފަ އެވެ.

އިޒްރޭލުގެ ބައެއް ބައިވެރިން ހިމެނޭ ގޮތަށް ބޭރުގެ ބާރުތަކުން ދަނީ ރަހީނުން މިނިވަންކުރެވޭނެ ގޮތެއް ހޯދުމަށާއި ޣައްޒާގެ އިންސާނީ ކާރިސާއަށް ލުޔެއް ހޯދައިދިނުމަށް މަޝްވަރާކޮށްގެން ހައްލު ހޯދަން ގޮވާލަމުންނެވެ.

އިޒްރޭލުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންގެ ނަތަންޔާހޫގެ ނިންމުމާ ދެކޮޅު ކަމުގެ އަޑުތައް އަރާފައި ވިޔަސް ނަތަންޔާހޫ ގެންދަނީ މި ނިންމުން ތަންފީޒުކުރާނެ ކަމަށް ބުނަމުންނެވެ. ފާޑުކިޔުންތައް ބޮޑުވުމުން ނަތަންޔާހޫ ބުނީ ޣައްޒާ ހިފަން ނޫޅޭ ކަމަށާއި ބޭނުމަކީ ހަމާސްގެ ބާރު ޣައްޒާއިން ނައްތާލައި "މިނިވަންކުރުން" ކަމަށެވެ.

ޣައްޒާގައި ހަމަލާ ދޭތާ 22 މަސް ދުވަސް ވެފައި ވާއިރު މިކަމުގައި ނަތަންޔާހޫއާ ދެކޮޅަށް އިޒްރޭލުގައި އެތައް މުޒާހަރާއެއް ވަނީ ކޮށްފަ އެވެ.

އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގެ ތެރޭގައި 251 މީހަކު ރަހީނުކޮށްފައި ވާއިރު އޭގެތެރެއިން 49 މީހަކު އަދިވެސް ޣައްޒާގައި އެބަ ތިބި ކަމަށާއި އޭގެ ތެރެއިން 27 މީހުން މަރުވެފައިވާ ކަމަށް ވެސް އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.