"ކޫލީ" އާއި "ވޯ 2" ވަރަށް ވާދަވެރިވާނެ
"ކޫލީ" އާއި "ވޯ 2" ވަރަށް ވާދަވެރިވާނެ

އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް މި މަހު 14 ގައި ރިލީޒްކުރާ ބޮލީވުޑްގެ އެކްޝަން ފިލްމު "ވޯ 2" އާއި ދެކުނު އިންޑިއާގެ އެކްޝަން ފިލްމު "ކޫލީ" ބޮކްސް އޮފީހުގައި ވަރަށް ވާދަވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުތަކަށް އެޑްވާންސް ބުކިން މިހާރު ހުޅުވާލާފައިވާއިރު ކުރީގައި އަދި އުޅެނީ ރަޖްނީކާންތުގެ "ކޫލީ" އެވެ.

"ކޫލީ"އަށް އެޑްވާންސް ބުކިން އިން މިހާތަނަށް ޖުމްލަ 16.15 ކްރޯޑް ރުޕީސް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ރިތިކް ރޯޝަން އާއި އެންޓީއާރު ޖޫނިއާ ލީޑު ރޯލު ކުޅޭ "ވޯ 2" އަށް އެޑްވާންސް ބުކިން އިން މިހާތަނަށް ލިބިފައި ވަނީ 1.22 ކްރޯޑް ރުޕީސް އެވެ.

އެ ދެ ފިލްމު ވެސް އިންޑިއާގެ އެކި ބަސްތަކުން ޑަބްކޮށްގެން ރިލީޒްކުރާނެ އެވެ.

"ކޫލީ"އަކީ މި އަހަރު ރިލީޒްކުރާ ރަޖްނީކާންތުގެ ފުރަތަމަ ފިލްމެވެ. އޭނާގެ އެންމެފަހުގެ ފިލްމު، 2023 ވަނަ އަހަރު ގެނެސްދިން "ޖެއިލާ"އަށް 600 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ބޮކްސް އޮފީހުގައި ލިބިފައިވެ އެވެ.

ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް)ގެ ސްޕައި ޔުނިވާސް ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވޯ 2" އަކީ 2019 ވަނަ އަހަރު ނުކުތް އެ ފިލްމުގެ ފުރަތަމަ ބައިގެ ސީކުއެލްއެކެވެ. އެ ފިލްމު ޑައިރެކްޓުކޮށްފައި ވަނީ 2022 ވަނަ އަހަރު ނުކުތް "ބްރަހަމާސްތުރީ"ގެ ޑައިރެކްޓަރު އަޔަން މުކަރުޖީ އެވެ.

"ވޯ"ގެ ފުރަތަމަ ފިލްމަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ 475 ކްރޯޑް ރުޕީސްގެ އާމްދަނީއެކެވެ.