10 އޯގަސްޓް 2025 - 11:42

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އޭނާ ގާތުގައި ރައްޓެހިވާން އެހި ކަމަށް އިނގިރޭސި އެކްޓްރެސް އެމާ ތޮމްޕްސަން ބުނެފި އެވެ.
ސްވިޒަލޭންޑުގައި މިހާރު ކުރިއަށް ގެންދާ ލޮކާނޯ ފިލްމް ފެސްޓިވަލުގެ އިވެންޓަކަށް ދިން އިންޓަވިއުއެއްގައި 66 އަހަރުގެ އެމާ ވަނީ އޭނާގެ ފިލްމީ ކެރިއަރާއި ޒާތީ ދިރިއުޅުމުގެ ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ.
އެމާ ބުނީ ޓްރަމްޕުގެ ކޯލެއް އޭނާއަށް ލިބުނީ 1998 ވަނަ އަހަރު ނުކުތް އޭނާގެ ސިޔާސީ ފިލްމު "ޕްރައިމަރީ ކަލާސް"ގެ ޝޫޓިންގައި އުޅުނު ދުވަސްވަރު ކަމަށެވެ.
ފޯނަށް ގުޅައި، އެއީ ޑޮނާލްޑް ޓްރަމްޕް ކަމަށް ބުނެ އަދި އޭނާއާއެކު ރޭގަނޑުގެ ކެއުމަކަށް ދިއުމަށް ދައުވަތު ދިން ކަމަށް ވެސް އެމާ ބުންޏެވެ.
އެ ދައުވަތު ދިނުމުން އުފާކުރާ ކަމަށާއި އޭނާއަށް ޝުކުރު އަދާކޮށް، ފަހުން ޖަވާބެއް ދޭނެ ކަމަށް އެމާ ބުންޏެވެ.
އެއީ ޓްރަމްޕް އޭނާގެ ދެވަނަ އަނބިމީހާ މާލާ މެޕްލްސް ވަރިކުރަން އުޅުނު ދުވަސްވަރެވެ.
"އަހަންނަށް ޑޮނާލްޑް ޓްރަމްޕާއެކު ޑޭޓަކަށް ދެވުނީސް. އެ ދުވަހު ދިޔަ ނަމަ މިއަދު އެމެރިކާގެ ތާރީޚު ބަދަލުކޮށްލެވުނީސް،" އެމާ ބުންޏެވެ.
ޓްރަމްޕް މިހާރު ކައިވެނިކޮށްގެން އުޅެނީ މިލޭނިއާ ޓްރަމްޕްއާ އެވެ. އެއީ އޭނާގެ ތިންވަނަ އަނބިމީހާ އެވެ.
އެމާ ކައިވެނިކޮށްގެން އުޅެނީ އިނގިރޭސި ފިލްމު ޕްރޮޑިއުސަރު ގްރެގް ވައިސްއާ އެވެ. އެ ދެމަފިރިންގެ ދެ ކުދިން ތިބެ އެވެ.