ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނެ ވަކިކުރި ޓީޗަރަށް ވަޒީފާ ދޭން އަމުރުކޮށްފި
ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނެ ވަކިކުރި ޓީޗަރަށް ވަޒީފާ ދޭން އަމުރުކޮށްފި

ކުޑަކުއްޖަކާ ބެހުކަމުގެ ތުހުމަތުގައި ވަޒީފާ އިން ވަކި ކުރި ޓީޗަރަކަށް އޭނާ ކުރިން ހުރި ވަޒީފާ އަނބުރާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ޓްރައިބިއުނަލުން އިއްޔެ އެގޮތަށް އަމުރު ކޮށްފައިވަނީ ލ. އިސްދޫ ސްކޫލްގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި އެރަށު ޓީޗަރަކު އެ ސްކޫލްގެ ދަރިވަރަކާ ބެހުނު ކަމުގެ ތުހުމަތުގައި މިދިޔަ މާޗް މަހުގެ ތެރޭގައި ވަޒީފާ އިން ވަކި ކުރުމުން އެ މައްސަލަ އެ މީހާގެ ފަރާތުން ހުށަހެޅުމުންނެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައިވަނީ އެ މީހާއާ މެދު ތުހުމަތު ކުރެވުނު އަމަލު ހިންގާފައިވާ ކަން ނުވަތަ އެއީ ރަނގަޅު ތުހުމަތެއް ކަމުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފުލުހުން ދީފައިވާ ރިޕޯޓަށް ބަލާއިރު ވެސް އެފަދަ ކަމެއް އޭނާ ކުރިކަމުގެ ހެއްކެއް ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ.

އެހެންވެ އެ މީހާ ވަކި ކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، 15 ދުވަސް ތެރޭގައި އޭނާ ކުރިން ހުރި ވަޒީފާ އަނބުރާ ދިނުމަށާއި އޭނާއަކީ ވަޒީފާ އިން ވަކިވި މީހެއް ކަމަށް ނުބެލުމަށް ވެސް ޓްރައިބިއުނަލްގެ ތިން މެމްބަރުންގެ އިއްތިފާގުން ނިންމި ނިންމުމުގައިވެ އެވެ.

ވަޒީފާއާބެހޭ ގާނޫނު އޮންނަ ގޮތުން މީހަކު ވަޒީފާ އިން ވަކި ކުރީ ނުވަތަ އިދާރީ ފިޔަވަޅެއް އެޅީ ރަނގަޅަށް ކަން ސާބިތުކޮށް ދިނުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ. އެކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ އެއީ ގޯސްކޮށް ވަކިކުރި ކުރުމެއް ނުވަތަ އެޅި ފިޔަވަޅެއް ކަމަށް ބަލަންޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.