09 އޯގަސްޓް 2025 - 23:40

އައްޑޫން ގަންނަ މަސް ހުވަދުއަތޮޅަށް ގެންދިއުމުގެ ބަދަލުގައި ސީދާ އައްޑޫން މަސް ބޭރުކުރުމުގެ މަސައްކަތް ފަށަން މިފްކޯ އިން ތައްޔާރުވެއްޖެ އެވެ.
ދައުލަތުގެ މަސް ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސީދާ އައްޑޫން މަސް ބޭރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.
"އަދި މީގެ އިތުރުން، އައްޑޫގައި މަހަށް ވެލިޔު އެޑް ކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތްތަކެއް ކުރެވެމުންދެ އެވެ،" މިފްކޯ އިން ބުންޏެވެ.
މިފްކޯ އިން ބުނިގޮތުގައި ގދ. ތިނަދޫގައި މިހާރު ހަދަމުން އަންނަ މަސް ގަންނަ މަރުކަޒު އަންނަ އަހަރު ހުޅުވައި، އޮޕަރޭޝަން ފެށުމަށް ވެސް ތައްޔާރުވަމުން އެބަދެ އެވެ. އަދި އުތުރާއި ދެކުނުގެ ސަރަހައްދުގައި ބާނާ ބޮޑުކަންނެލި މިފްކޯ އިން ގަތުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މި އަހަރު ފަށާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ދުވަސްވަރު މަސްވެރިކަން ދަށްވެފައިވާއިރު، ކޫއްޑޫ މަސް ފެކްޓަރީގެ ހާލަތު ރަނގަޅު ކުރުމަށް ވެސް މަސައްކަތްތަކެއް ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
● ބަނދަރުމަތީގެ މަގުތައް މަރާމާތުކުރުން.
● ކޫއްޑޫގެ ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑް ކުރުން.
● ފެލިވަރު ކޭނަރީ އަވަސް މަރާމާތާއި މެއިންޓަނެންސްގެ މަސައްކަތް މި މަގު ފަށާނެ.
"މި މަސައްކަތްތަކަކީ މި ވަގުތަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކަމުގައި ފާހަގަކުރެވެ އެވެ،" މިފްކޯގެ ބަޔާނުގައި ބުންޏެވެ.
ރާއްޖޭގައި އަމިއްލަ ފަރާތަކުން އިންވެސްޓް ކޮށްފައިވާ އެންސިސް މަސް ފެކްޓަރީއާ ވެސް މިފްކޯ އިން ހަވާލުވާން ނިންމާފައިވާކަން ރޭ އިއުލާންކުރި އެވެ. އެކަމަށް ބޭނުންވާ ދިރާސާތައް ނިންމައި އެންސިސްއާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މިފްކޯ އިން ބުންޏެވެ.
އެކަމަކު، އެ "ޑީލް" އެއްވެސް ތަފުސީލެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.
މިފްކޯ އިން ބުނީ، އެ ކުންފުނީގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.