09 އޯގަސްޓް 2025 - 22:16

މިދިޔަ މަހުގެ 28 ގައި ލ. މާވަށުގައި ކަރަށް ވަޅި ހަރައި މަރާލި މޫސާ އިބްރާހީމްގެ ޖަނާޒާ މާދަމާ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ކަށުނަމާދު ޕޭޖުގައިވާ ގޮތުގައި، މޫސަ، 29، ގެ ޖަނާޒާ ބާއްވަނީ މާދަމާ މެންދުރު ނަމާދަށް ފަހު މާލޭ އާސަހަރާ މިސްކިތުގަ އެވެ.
މޫސަގެ ޖަނާޒާ މި ބާއްވަނީ އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ފަހުގަ އެވެ. އޮޓޮޕްސީ ހަދަން އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔައީ މިދިޔަ ބުދަ ދުވަހު އެވެ.
ފުލުހުން ބުނީ، މޫސަގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު މިރޭގެ ވަގުތެއްގައި މާލެއަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް، އޮޓޮޕްސީއަ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
މޫސައަށް ހަމަލާދިނީ އެ ރަށުގައި ދިރިއުޅުނު ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމެވެ. އެ ދެ މީހުންގެ ދެމެދުގައި ހިނގި ދެބަސްވުމަކަށް ފަހު އަތުގައި އޮތް ވަޅި ނަގައި މޫސައަށް ހަމަލާދިނީ ކަމަށް މާވަށު ބައެއް މީހުން ބުންޏެވެ.
އެ ރަށު ހެލްތު ސެންޓަރަށް މޫސަ ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ.
އެ މައްސަލަ ތަހުގީގުކުރަން ހަމަ އެ ދުވަހުގެ ރޭ އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފަ އެވެ.
މޫސަގެ މަރުގެ ތުހުމަތުގައި މުހައްމަދު އިބްރާހިމް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފަ އެވެ. މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.
މާވަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނާ ގޮތުގައި މި މަރާ ގުޅިފައި ވަނީ މަސްތުވާތަކެއްޗެވެ. ދެ މީހުންގެ ޒުވާބު އަޑު އިވުނު ބައެއް މީހުން ބުނާ ގޮތުގައި، މައްސަލަ އުފެދުނީ މޫސަގެ އަތުން ގަތް މަސްތުވާތަކެއްޗަށް ފައިސާ ނުދިނުމާއި ވައްކަމުގެ ތުހުމަތު މުހައްމަދަށް ކުރުމުންނެވެ.
ފުލުހުން ބުނި ގޮތުގައި، އެ މައްސަލާގައި ހައްޔަރުކުރީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ.