09 އޯގަސްޓް 2025 - 20:27

މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑު މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. އަދި އެ މައުލޫމާތައް ބަލައި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ތަހުގީގު އެއްކޮށް ނިމުމުން ތަހުގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްސާކޮށްދޭނެ ވާހަކަ ދަންނަވަން،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނި އިރު، މިއަދު ހެނދުނު ވެސް ވަނީ މާލެ އާއި ހުޅުމާލޭގެ ހުރިހާ ތަނަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފަ އެވެ. ސްޓެލްކޯއަށް ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް އަނބުރާ ދެވުނީ ގާތްގަނޑަކަށް ދެ ގަޑިއެއްހާއިރު ފަހުންނެވެ.
މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހު މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް އަނބުރާ ދެވުނީ ކަރަންޓު ކެނޑުނުތާ ފަސް ގަޑިއިރު ފަހުންނެވެ.
އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާލޭ ސަރަހައްދުން ކަރަންޓު ކެނޑެން ދިމާވި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ތަހުގީގުކުރުމަށް ފުލުހުންނަށް އަންގައިފަ އެވެ.