ޒަކިއްޔާގެ މަރު: ފުލުހުންގެ މައްޗަށް ދައުވާކުރުމާ މެދު ޕީޖީއާ އެކު މަޝްވަރާ ކުރަނީ!
ޒަކިއްޔާގެ މަރު: ފުލުހުންގެ މައްޗަށް ދައުވާކުރުމާ މެދު ޕީޖީއާ އެކު މަޝްވަރާ ކުރަނީ!

ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި މީގެ 11 މަސް ކުރިން ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅޭ ތަހުގީގުގައި ފުލުހުން އިހުމާލު ވެފައިވާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިއިސީ) އިން ގަބޫލު ކުރާތީ ފުލުހުންގެ މައްޗަށް ދައުވާކުރުމާ މެދު ޕީޖީއާ އެކު މަޝްވަރާ ފަށައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާކަންހާއިރު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތުގެ ކަންކަން އެންއައިސީ އިން ބަލައި ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު އޮތީ ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

"މިއީ މައްސަލައިގެ ބާވަތަށް ބަލާއިރު ވަރަށް ސީރިއަސް މައްސަލައެއް. އެހެންވީމާ [ފުލުހުންގެ މައްޗަށް] ދައުވާ ކުރުމާ މެދު އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ވިސްނާނަން،" އޭނާ ވިދާޅުވި އެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެންއައިސީ އިން ކުރާ ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ ގޮތަކަށް އަމަލު ކުރުމާއި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމާއި ދައުލަތުގެ މުއައްސަސާތަކަށް ހުރަސްއެޅުން އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހިމެނެ އެވެ.

އެންއައިސީ އިން މި މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިންނެވެ.

ނަފުސާނީ މައްސަލަތަކެއް ވެސް ތަހައްމަލް ކުރަމުން އައި ޒަކިއްޔާ އަމިއްލައަށް މަރުވީ ނޫން ކަމަށާއި މަރާލީ ކަމަށް އާއިލާގެ ބައެއް މީހުންނާއި ހޮޅުދޫގެ ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. އޭނާގެ ކަރު އޮތީ ކިރިޔާ ބުރި ނުވެ ކަމަށް މަންޒަރު ދުށް މީހުން ބުނެފައި ވެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އައިޖީއެމްއެޗުގެ ޑޮކްޓަރުންނާ ހަވާލާދީ، ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވީ، ޒަކިއްޔާގެ ކަރުގައި ފުންކޮށް ޒަހަމްތަކެއް ހުރި ކަމަށާއި ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށެވެ.

މި މައްސަލާގައި ގިނަ ބައެއްގެ ކަންބޮޑުވުން އޮތް އެއް ކަމަކީ އޮޓޮޕްސީ ނުހަދައި ޒަކިއްޔާގެ ހަށިގަނޑު ވަޅުލުމެވެ. އޮޓޮޕްސީގެ ބަދަލުގައި ހެދީ ވާޗުއަލް އޮޓޮޕްސީއެކެވެ. އެ ރިޕޯޓުން، ދެއްކީ އޭނާ މަރުވެފައިވަނީ އަމިއްލަ އަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުން ކަމަށެވެ.

ވާޗުއަލް އޮޓޮޕްސީއަކީ ސީޓީ ސްކޭން އަދި އެމްއާރުއައި ފަދަ ޓެސްޓުތަކާއި ހަށިގަނޑާއި ކުށުގެ ވެށީގެ ފޮޓޯ އާއި ވީޑިއޯ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، މަރުގެ ސަބަބު ދެނެގަތުމެވެ. މިހެން ހަދާ އޮޓޮޕްސީން ވެސް ހަށިގަނޑަށް އައިސްފައިވާ އެކި ބަދަލުތައް ދެނެގަނެ ޒަހަމްތައް ލިބުމަށް މެދުވެރިވި ސަބަބު ހޯދެ އެވެ.

ވާޗުއަލް އޮޓޮޕްސީ ރިޕޯޓުން ދައްކާ ގޮތުގައި ޒަކިއްޔާގެ ކަރުގެ ދެ ފަރާތުގައި ޒަހަމްތަކުން ނާރުތައް ބުރިވެފައި ވިޔަސް ކަށީގައި ޖެހޭ ހިސާބާ ކައިރިއަށް ވެސް އެއްވެސް ޒަހަމެއްގެ ފުންމިނެއް ނެތެވެ. އެ ރިޕޯޓްގައި، އެ ޒަހަމްތަކުގެ ސަބަބުން ޕްރެޝަރުގައި ލޭތައް ބުރައިގެން ނުދިޔަ ސަބަބާއި އެ ޒަހަމްތައް ލިބިފައި ހުރި ކަމަށް ބެލެވޭ ގޮތް ފަދަ މުހިންމު ސުވާލުތަކަށް މެޑިކަލް ގޮތުން ތަފްސީލް ކޮށްދީފައިވެ އެވެ.

ޒަކިއްޔާގެ މަރާ ގުޅޭ ކަންކަމުގައި އިންސާފު ހޯދައިދޭން ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން އެ އާއިލާ އާއި އެ ރަށުގެ ބައެއް މީހުންނާ އެކު މިދިޔަ މަހު ބޭއްވެވި ބައްދަލުވުމެއްގައި ރައީސް ޑރ. މުއިއްޒު ވަނީ ދެއްވައިފަ އެވެ.

"ތަހުގީގާ މެދު އެ އާއިލާގެ ހުރި ހިތްހަމަނުޖެހުންތައް ރައީސް އަޑުއެއްސެވި. ފުލުހުން އެންމެ ފުރަތަމަ ދުވަހު އަމަލުކުރި ގޮތުގެ ޝަކުވާތައް ވެސް އެ އާއިލާ އިން ރައީސަށް ދެންނެވި،" މިދިޔަ މަހުގެ 22 ގައި ރައީސް މުއިއްޒު ހޮޅުދު އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޒަކިއްޔާގެ އާއިލާގެ މީހުންނާ އެކު ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން ސަރުކާރުގެ އިސް ވެރިއަކު އޭރު ވިދާޅުވެފައި ވެ އެވެ.

"އެ ހުރިހާ ޝަކުވާތައް އަޑުއެއްސެވުމަށް ފަހު ވިދާޅުވީ، އިންސާފު ހޯއްދަވައި ދެއްވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް ކުރައްވާނެ ކަމަށް. އާއިލާގެ ވާހަކަތައް ނިމެންދެން އަޑުއެއްސެވި."

ޒަކިއްޔާގެ މަރަށް އިންސާފު ނުލިބިގެން އެ ރަށުގައި ދޭތެރެދޭތެރެއިން މުޒާހަރާ ވެސް ކޮށްފައި ވެ އެވެ.