09 އޯގަސްޓް 2025 - 16:27

ފުލުހުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވިއަސް ބިރުން އެ ހުވާ ނުކުރާ ކަމަށް، ވޭޕް ވިއްކާ ކަމުގެ ތުހުމަތުގައި ގދ. ތިނަދޫއިން ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް ކޮންސްޓްބްލަރީ މުހައްމަދު ސާޖިދު އަހުމަދު ހައި ކޯޓުގައި ބުނެފި އެވެ.
ގާނޫނާއި ގަވައިދާ ހިލާފަށް ދުންފަތުގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ސާޖިދު ދިރިއުޅޭ ގެ އާއި ސައިކަލް މިދިޔަ މަހު ފާސްކުރި އިރު މަސްތުވާތަކެތި ފެނުމުން އޭނާ ހައްޔަރުކުރި ނަމަވެސް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.
ކޯޓު އަމުރެއްގެ ދަށުން އެ ތަންތަން ބެލިއިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯ ސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖް އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 191.92 ގްރާމްގެ ތަކެތި ވަނީ ފެނިފަ އެވެ. ނަމަވެސް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލައިފަ އެވެ. ކޯޓުން ސާޖިދު ދޫކޮށްލީ، މަސްތުވާތަކެތި ފެނުނު ނަމަވެސް، ބަލައި ފާސްކުރީ ޖިނާއީ މައްސަލައެއްގެ ތުހުމަތެއްގައި ނޫން ކަމަށް ވާތީ އެވެ.
ފުލުހުންގެ ހުވާގެ ވާހަކަ އައީ އީ-ސިނގިރޭޓަކީ ގާނޫނަކުން މަނާކޮށްފައިވާ އެއްޗެއް ކަމަށް ވާއިރު ގާނޫނާ ހިލާފް ކަމެއްގެ ތުހުމަތު ފުލުހަކަށް ކުރެވުމުންނެވެ. ގާނޫނުގައި މަނާ ކަމެއް ކުރުމުގެ ތުހުމަތު ކުރެވެނީ ހުވާކޮށްގެން ހުރި ފުލުހަކަށް ކަމަށް ވެސް ދައުލަތުން ކޯޓުގައި ބުނާތީ، އެ ހުވާ ނުކުރާ ކަމަށް ސާޖިދު އޭނާގެ ދިފާއެއްގެ ގޮތުގައި ބުނީ އެވެ.
ސާޖިދުގެ ދިފާއީ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ މިދިޔަ މެއި 7 ވަނަ ދުވަހުން ފެށިގެން ފުލުުހުންގެ ހިދުމަތުގައި ހުއްޓަސް ދައުލަތުން ބުނާ ހުވާ ސާޖިދު ކޮށްފައިނުވާ ކަމަށެވެ. ސާޖިދަކީ ޕޮލިސް ޔުނީފޯމް އަޅާ މީހެއް ނޫން ކަމަށާއި ހުވާކުރަން އޮތަސް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ވެސް ދިފާއީ ވަކީލު ވިދާޅުވި އެވެ.
ރައްދުގައި ދައުލަތުގެ ވަކީލުން ބުނީ ސާޖިދަކީ ގާނޫނުގައި ބުނާ ސްޕެޝަލް ކޮންސްޓަބްލަރީގެ ހުވާކޮށްފައިވާ މީހެއް ކަމަށެވެ. އަދި ހުވާގެ އިގުރާރުގައި ސާޖިދު ސޮއިކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ސާޖިދު ފުލުހުންގެ ހުވާ ނުކުރާ ކަމަށް ބުނުމުން ފަނޑިޔާރު ދީބާނާޒް ފަހުމީ ސުވާލުކުރެއްވުމުން ދިފާއީ ވަކީލު ވިދާޅުވީ ދައުލަތުން އެ ބުނާ ހުވައެއް ނޭނގޭ ކަމަށާއި އެއީ "އެ ހުވައެއް ކޮށްފައި ނެތީމާ" ކަމަށެވެ.
ކޮންސްޓަބްލަރީގެ ހުވާކޮށްފައިވޭތޯ ސުވާލުކުރުން ސާޖިދު ބުނީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވިއަސް ހުވާނުކުރާ ކަމަށެވެ.
"ކޮންސްޓެބްލަރީ ހުވާގެ ރަސްމިއްޔާތު އޮތް، އެ ތަނަށް އަޅުގަނޑު ވެސް ދިޔައިން. އެކަމަކު، އަޅުގަނޑު ހުވައެއް ނުކުރަން. އަޅުގަނޑު ހުރީ އެތާ،" އޭނާ ބުންޏެވެ.
"އަޅުގަނޑު ރަސްމިއްޔާތަށް ގޮސްފައި ވެސް ކުޑަކޮށް ބިރުގަތީ ﷲ ގަންދީކުރަންޖެހޭ ހުވައެއް ވީމަ، އޭގައި އަންނަ ކަންތައްތަކަށް ވިސްނާލީމަ،"
އޭނާ އެހެން ބުނުމުން، ހުވާކުރުމުގެ ރަސްމިއްޔާތުގައި އެންމެން ހުވާކުރިއިރު ސާޖިދު ކުރީ ކީއްތޯ ފަނޑިޔާރު ދީބާނާޒް ސުވާލުކުރެއްވުމުން އޭނާ ބުނީ ދެ އަތް ކުރިމައްޗަށް ލައިގެން ހަމަ ހުރީ ކަމަށެވެ. އަދި ހުވާ ނުކިޔާ ކަމަށް އޭނާ ބުންޏެވެ.
އެހެންވެ، ހުވާނުކޮށް މަގާމުގައި ދެމިހުރި މުއްދަތާއި މުސާރަ ނެގިތޯ ސުވާލުކުރުމުން ސާޖިދު ބުނީ މުސާރަ ނެގި ކަމަށެވެ.
ހުވާގެ ވާހަކަ ދިފާއުގައި ނެގުމުން، ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ ހިތްހަމަޖެހިވަޑައިނުގެން ވަރުގަދަ ސުވާލުތަކެއް ކުރައްވައިފަ އެވެ.
ފަނޑިޔާރު ނިޔާޒު ވަނީ ފާސްކުރުމުގެ ތެރެއިން ފެނުނީ ސާޖިދުގެ ތަކެތި ނޫން ކަމަށް ބުނާ ކަމަށާއި އަދި އޭގެ ކުރިން ހުވައާ ބެހޭގޮތުން ދެއްކި ވާހަކަތައް އަޑުއިވުމުން، މައްސަލަ ރައްދުވާ ފަރާތް ހަދަނީ ތެދު ކަމަށް ގަބޫލުކުރަންތޯ، ދިފާއީ ވަކީލާ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި ދިފާއީ ވަކީލު ވިދާޅުވީ އެގޮތަށް އުއްމީދުކުރާ ކަމަށެވެ.
"ހުވާކުރާ ރަސްމިއްޔާތުގައި ބައިވެރިވެ، ރަސްމީކޮށް ހުވާކޮށްފައި، އެ ތަނުގައި ހުރެފައި، އެ ތަނުގައި ބައިވެރިވެ އައިސް ފަނޑިޔާރުންގެ ކުރިމަތީގައި މި ބުނަނީ މިއީ ތިމަންނަ އަނގަބަހުން އެގޮތަށް ނުކުރަމޭ،" ނިޔާޒު ވިދާޅުވި އެވެ.
ފަނޑިޔާރުގެ އެ ވާހަކަތަކާ ގުޅިގެން ދިފާއީ ވަކީލު އޭގައި އިސްތިލާހީ އަދި ލުޣަވީ މާނައޭ ވިދާޅުވުމުން ފަނޑިޔާރު ނިޔާޒު ވިދާޅުވީ އޭގައި އިސްތިލާހީ މާނައެއް ނޯންނާނެ ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ ރަސްމީކޮށް ރަސްމިއްޔާތެއްގައި ބާއްވައި ގާނޫނީގޮތުން ބުނާ ހުވައެއް ކުރުމަށް ހާޒިރުވާ މީހަކު އެ ތަނުގައި ހުރެފައި އަދި ވަޒީފާގައި އެތައް ދުވަހަކު ހުރެފައި އެތަނަށް ދިޔަ ނަމަވެސް ހުވައެއް ނުކުރަމޭ ބުނުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.
"ކިހާ ބޮޑު ދޮގެއްތޯ އެ ހެދެނީ،" ނިޔާޒު ވިދާޅުވި އެވެ.
އެއާއެކު، ދިފާއީ ވަކީލު އެކަމުގެ މާނަ ތަފްސީލުކޮށްދެއްވަން އުޅުއްވުމުން ފަނޑިޔާރު ވިދާޅުވީ ގާނޫނީގޮތުން ކުރަންޖެހޭ ހުވައެއް އެހެން ގޮތަކަށް މާނަ ނުކުރެވޭނެ ކަމަށެވެ.
"ނޫން، އެގޮތަކަށް މާނައެއް ނުކުރެވޭނެ. އެގޮތަށް މާނަކުރަންޏާ ކިހިނެއްތޯ އަޅުގަނޑުމެން ފުލުހުންނާއި ސިފައިންނާއި ހުވާކޮށްގެން އުޅޭ މަގާމުތަކުގެ މީހުންނަށް އިތުބާރުކުރާނީ، އެއްވެސް ގޮތަކަށް އިތުބާރުކުރާނީ. އެ މާނައެއް ނުވެސް ކުރެވޭނެ އެގޮތަކަށް އަދި ކުރާކަށް ހުއްދައެއް ވެސް ނުކުރެވޭނެ. އަނެއްކާ ފަނޑިޔާރުންގެ ކުރިމަތީގައި، ކޯޓެއްގެ ކުރިމަތީގައި އެގޮތަށް ތި ބޭފުޅާގެ މުވައްކިލު އެ ވިދާޅުވަނީ،" ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ.
ފަނޑިޔާރު ނިޔާޒު ވަނީ، އެހެން ކަމަށްވާ ނަމަ، ގާނޫނީ ވަކީލުން ކުރާ ހުވައަށް އިތުބާރުކުރާނީ ކިހިނެއްތޯ ވެސް ސުވާލު އުފައްދަވައިފަ އެވެ. އެއާ އެކު ވަކީލު ވިދާޅުވީ އޭނާއަށް މުވައްކިލު ކައިރިން މައުލޫމާތު ހޯދޭނީ ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ އޭނާގެ ކުރިމަތީގައި މައްސަލަ ރައްދުވާ ފަރާތް ދެންމެ އެ ވާހަކަތައް ދެއްކީ ކަމަށާއި އެ ވަގުތުން ފެށިގެން އެ ދައްކަނީ ކޮންކަހަލަ ވާހަކަތަކެއް ކަމަށް އެނގެން ޖެހޭނެ ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ ސާޖިދަކީ ހުވާކުރުމުގެ ރަސްމިއްޔާތު ފޮޓޯ ނަގަން ދިޔަ މީހެއް ނޫން ކަމަށެވެ. އަދި އެތައް ބަޔަކު ބައިވެރިވާ ތަނެއްގައި ކޮންމެ މީހަކު އަނގަބަހުން ހުވާ ކިޔާތޯ ބެލޭނީ ކިހިނެއްތޯ ސުވާލު އުފެއްދެވި އެވެ.
މަގާމުގެ ހުވައާ ގުޅޭގޮތުން ވަރަށް ބޮޑު ދޮގެއް ހަދާފައިވާ ކަމަށް، އެކަން ގަބޫލު ނުކުރެވޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
މި ބަހުސާ އެކު އަޑުއެހުންތައް އެއްކޮށް ވަނީ ނިންމާލައިފަ އެވެ. އަދި ހުކުމް ކުރުމުގެ އަޑުއެހުން ތާވަލްކުރުމަށް ފަހު އަންގަވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާނުކުރި އެވެ.