ކުޑަ އައްޔަ ބަލިކޮށް އާމިން ލަބެރަ ޗެލެންޖް ވެސް ކާމިޔާބު ކޮށްފި
ކުޑަ އައްޔަ ބަލިކޮށް އާމިން ލަބެރަ ޗެލެންޖް ވެސް ކާމިޔާބު ކޮށްފި

ލަބެރަ ޗެލެންޖް މިހާތަނަށް ބޭއްވި ތިން ފަހަރު ވެސް ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ލެޖެންޑް އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ބަލިކޮށް އާމިން އުމަރު މޫސާ، ހަތަރުވަނަ ލަބެރަ ޗެލެޖް ކާމިޔާބު ކޮށްފި އެވެ.

ކުޑަ އައްޔަ ބަލިކޮށް އާމިން ލަބެރަ ޗެލެންޖް ވެސް ކާމިޔާބު ކޮށްފި
ކުޑަ އައްޔަ ބަލިކޮށް އާމިން ލަބެރަ ޗެލެންޖް ވެސް ކާމިޔާބު ކޮށްފި

މާލޭ ރާޅުގަނޑު ސަރަހައްދުގައި އިއްޔެ ކުރިއަށް ގެންދިޔަ ފައިނަލް ހީޓުގައި އާމިން ވަނީ ޖުމްލަ 13.17 ޕޮއިންޓް ހޯދައިފަ އެވެ. ކުޑަ އައްޔައަށް ހޯދުނީ 8.60 ޕޮއިންޓެވެ.

ސެމީ ފައިނަލްގައި ކުޑަ އައްޔަ އާއި އާމިންއާ ދެކޮޅަށް ނުކުތީ ވެސް، ޖޫނިއާ ބައިގެ ފައިނަލްގައި ވާދަކުރި މުހައްމަދު އަޒާން އަހުމަދާއި އިޔަން އަހުމަދެވެ. އެގޮތުން އިޔަންއާ ވާދަކޮށް ޖުމްލަ 12.34 ޕޮއިންޓާ އެކު 1.7 ޕޮއިންޓުގެ ތަފާތަކުން އާމިން މޮޅުވި އިރު، ކުޑަ އައްޔަ މޮޅުވީ 8.07 ޕޮއިންޓް ސްކޯ ކުރި އަޒާންއާ ދެކޮޅަށް 3.46 ޕޮއިންޓްގެ ތަފާތަކުންނެވެ.

އިޔަން އާއި އަޒާން ވަނީ މިދިޔަ އަހަރުގެ ޖޫނިއާ ފައިނަލްގައި ވެސް ވާދަ ކޮށްފަ އެވެ. އިއްޔެގެ ފައިނަލްގައި 13.17 ޕޮއިންޓާ އެކު އަޒާން ވަނީ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ދިފާއު ކޮށްފަ އެވެ.

ސެމީ ފައިނަލްގައި އިޔަން ނުކުތީ ނޫހް މުހައްމަދު ދުނެއިމް އިރުޝާދާ ދެކޮޅަށެވެ. ސެމީގައި އަޒާން ވާދަކޮށްފައި ވަނީ ނ. ޅޮހީގެ ހަސަން ނަދީހްއާ އެވެ.

ފުވައްމުލަކުގެ ބޮޑީބޯޑަރު އަޒާން ވަނީ މިދިޔަ އަހަރުގެ އޯޕަން ބައިގެ ސެމީ ފައިނަލްގައި ވެސް ވާދަ ކޮށްފަ އެވެ. އެ ސެމީ ފައިނަލުން ބަލިވީ ފައިނަލްގައި ކުޑަ އައްޔައާ ދެކޮޅަށް ނުކުތް އަލީ ޖާވިދާ ވާސް ކޮށެވެ.

ލަބެރަ ޗެލެންޖްގެ ޑްރޮޕްނީ ބައިގެ ޗެމްޕިއަންކަން މިއަހަރު ވެސް ކުޑަ އައްޔަ ހޯދީ ފައިނަލްގައި އާމިންއާ ވާދަކޮށެވެ. ކުޑަ އައްޔަ ޗެމްޕިއަންކަން ހޯދީ ޖުމްލަ 9.50 ޕޮއިންޓް ހޯދައިގެންނެވެ. އާމިންއަށް ލިބުނީ 6.16 ޕޮއިންޓެވެ.

މި ބައިގެ ސެމީ ފައިނަލްގައި ވެސް އާމިން އާއި ކުޑަ އައްޔައާ ދެކޮޅަށް ނުކުތީ ޒުވާން ދެ ބޮޑީބޯޑަރުންނެވެ. ކުޑަ އައްޔައާ ދެކޮޅަށް ސެމީގައި ނުކުތީ ނޫހް މުހައްމަދު ދުނެއިމް އިރުޝާދެވެ. އަދި އާމިިންއާ ދެކޮޅަށް ނުކުރީ އަޒާން އެވެ.

ލަބެރަ ޗެލެންޖަކީ ގައުމީ ބޮޑީބޯޑިން ލީގުގެ މިއަހަރުގެ ދެވަނަ މުބާރާތެވެ. ލީގުގައި ބާކީ އޮތީ ގައުމީ ބަނޑުފިލާ ޗެލެންޖެވެ. ޖޫން މަހު އޮތް ބުރުނު ޝިކާރުގެ އޯޕަން ބައިގެ ޗެމްޕިއަންކަން ކުޑަ އައްޔަ ބަލިކޮށް ހޯދީ އާމިން އެވެ. ޖޫނިއާ ބައިގެ ޗެމްޕިއަންކަން އަޒާން ބަލިކޮށް އިޔަން ހޯދި އިރު، ޑްރޮޕްނީ ބައިގެ ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދީ ފައިނަލްގައި އާމިންއާ ވާދަކޮށެވެ.