09 އޯގަސްޓް 2025 - 09:46

މިއަދު ހެނދުނު 9:30 ހާއިރު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް މިހާރު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި. ސްޓެލްކޯ އިން ބުނީ އެކި ހިސާބުތަކަށް ކަރަންޓު ދެމުން ގޮސް ހުރިހާ ތާކަށް ކަރަންޓު ދީ ފުރިހަމަކުރެވުނީ 12:02 ގައި ކަމަށް. ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާ ނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުމަށް ވަނީ އެދިފައި.
ސްޓެލްކޯއިން ބުނީ މިހާރު މުޅި ހުޅުމާލެއަށް ކަރަންޓު ދީފައިވާ ކަމަށާއި މާލޭގެ ވެސް ބޮޑު ބަޔަކަށް ކަރަންޓު ދީފައިވާ ކަމަށް. އަދި ބާކީ ހުރި ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް އެނަޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި "ގާތްގަނޑަކަށް 40 މިނިޓުގެ ތެރޭގައި ކަރަންޓު ދިނުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވި، މުޅި މާލެ އަށް ކަރަންޓު ފޯރުކޮށްދެވިގެންދާނެ" ކަމަށް ވެސް ބުނި.
މީގެ އިރުކޮޅެއް ކުރިން ފަހުމީ ވިދާޅުވީ މިހާރު ހުޅުމާލެ 2 އަށް އަލުން ކަރަންޓު ދީފައިވާ ކަމަށް.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވީ މިހާރު ހުޅުމާލޭގެ 60 ޕަސެންޓަށް އަދި މާލޭގެ 50 ޕަސެންޓަށް އަލުން ކަރަންޓު ދީފައިވާ ކަމަށް. އަދި ކުރިއަށް އޮތް ބަޑި ގަޑިއެއްހާއިރު ތެރޭ ހުރިހާ ހިސާބަކަށް ކަރަންޓު ލިބޭނެ ކަމަށް ވިދާޅުވި.
ކަރަންޓު ކެނޑުނުތާ އެއް ގަޑިއިރު ވީއިރު އަދިވެސް ބޮޑު ބަޔަކަށް ކަރަންޓެއް ނުލިބޭ. މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށް ލަފާކުރެވޭނެ އިރެއް ސްޓެލްކޯއަކުން އަދި ނުބުނޭ.
ސްޓެލްކޯއިން ދެންމެ ބުނި ގޮތުގައި ހުޅުމާލެ 1 އަށް މިހާރު ވަނީ ކަރަންޓު ދީފައި. އަދި ހުޅުމާލެ 2 އަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުން.
ޖެނެރޭޓަރުތައް ހިނގަން ފަށައި ކަރަންޓު މިހާރު އަންނަނީ ދެމުން. މައްސަލަ އެއްކޮށް ހައްލުވާނެ އިރެއް އަދި ނޭނގޭ.
މާލޭގެ ބައެއް ހިސާބުތަކަށް މިހާރު ވަނީ ކަރަންޓު ލިބިފައި. ގަލޮޅުގެ ބައެއް ބްލޮކްތަކުގައި ކަރަންޓު އެބަހުރި.
މުޅި މާލެ އާއި ހުޅުމާލެ އިން ދެންމެ ކަރަންޓު ކެނޑިއްޖެ އެވެ.
މިއަދުގެ ހެނދުނު 9:40 ހާއިރުން ފެށިން މާލެ އާއި ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގައި ވެސް ކަރަންޓެއް ނެތެވެ. އަދި ސްޓެލްކޯގެ އިންޖީނުތައް ވެސް ވަނީ ނިވިފަ އެވެ.
ސްޓެލްކޯ އިން ބުނީ، ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. މައްސަލަ ހައްލު ކުރެވޭނެ އިރެއް އަދި ނުބުނެ އެވެ.
މިއީ މި އަހަރުގެ ތެރޭގައި މުޅި މާލެ އިން ކަރަންޓުގެ ހިދުމަތް ކެނޑުނު ދެވަނަ ފަހަރެވެ.