ޑްރަގް ކާޓެލްތަކާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކުރަން ޓްރަމްޕު އަންގަވާފާނެ: ރިޕޯޓް
ޑްރަގް ކާޓެލްތަކާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކުރަން ޓްރަމްޕު އަންގަވާފާނެ: ރިޕޯޓް

ލެޓިން އެމެރިކާ ސަރަހައްދުގައި ހަރަކާތްތެރިވާ ބައެއް ޑްރަގް ކާޓެލްތަކަކީ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި މި އަހަރުގެ ކުރީކޮޅު ކަނޑައެޅުއްވާފައި ވާއިރު އެ ޖަމާއަތްތަކާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކުރުމުގެ އަމުރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކުރައްވަފާނެ ކަމަށް އެމެރިކާގެ މީޑިއާގައި ރިޕޯޓްކޮށްފި އެވެ.

ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ގިންތިކޮށްފައިވާ ކާޓެލްތަކާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ޓްރަމްޕް ޕެންޓަގަންއަށް މިހާރު ވަނީ އިރުޝާދު ދެއްވައިފަ އެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސްޕެޝަލް ފޯސަސްގެ ބައިވެރިވުމާއި އިންޓެލިޖެންސް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން މަޝްވަރާކޮށް ޕްލޭންތައް އެކުލަވާލުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި މިކަމުގައި އަޅާ ކޮންމެ ފިޔަވަޅެއް ވެސް ބައިނަލްއަގްވާމީ ބައިވެރިންނާ ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް އެންގެވި ކަމަށް ބުނެފައިވެ އެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު އެނާ ކެލީ އެ ރިޕޯޓްތަކުގެ ސައްހަކަން ކަށަވަރުކޮށް ނުދެއްވި ނަމަވެސް ވިދާޅުވީ ގައުމު ހިމާޔަތް ކުރުމަކީ ޓްރަމްޕް އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންތައް ކަމަށެވެ. ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ގިނަ ކާޓެލްތަކާއި ގޭންގުތައް ކަނޑައަޅުއްވާފައި ވަނީ ވެސް އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާއިން ވަނީ ވެނެޒުއޭލާގެ ޓްރެން ޑި އަރަގުއާ އާއި މެކްސިކޯގެ ސިނަލޯއާ ކާޓެލްގެ އިތުރުން ލެޓިން އެމެރިކާގެ މިފަދަ އިތުރު ހަ ޖަމާއަތެއް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ގިންތިކޮށްފަ އެވެ.

ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އެމެރިކާއަށް އެތައް ސަތޭކަ ޓަނެއްގެ މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ވެނެޒުއޭލާގެ "ކާޓެލް އޮފް ދަ ސަންސް" ކިޔާ ވެނެޒުއޭލާގެ އިތުރު ގޭންގެއް ވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ މި ލިސްޓުގައި ހިމަނައިފަ އެވެ. އަދި މި ގޭންގު ހިންގަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ކަމަށް ވެސް އެމެރިކާއިން ތުހުމަތުކުރެ އެވެ.