08 އޯގަސްޓް 2025 - 14:09

އިނގިރޭސި ވިލާތުގެ ކޯޓަކުން ހުކުމްކުރި މީހާގެ ނަމުގައި ދިވެހި ޕާސްޕޯޓެއް ދޫކޮށްފައި ނުވާ ކަމަށް ހޯމް މިނިސްޓްރީ މިއަދު ބުނެފި އެވެ.
ޖިންސީ ގޯނާގެ މައްސަލައެއްގައި ދިވެއްސަކު އިނގިރޭސި ވިލާތުގެ ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފައިވާ ކަމަށް ދެއްކެވޭ ވާހަކަތައް ދޮގުކޮށް ހޯމް މިނިސްޓްރީން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލާގައި ހުކުމްކޮށްފައިވާ "ސުންދަރަލިންގަމް ކޫޑަލިންގަމް"އަކީ އެއްވެސް އިރަކު ރާއްޖޭގެ ރައްވެހިކަން އޮތް މީހެއް ނޫން ކަމަށެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ރެކޯޑުތަކުގައި އެ ނަން ކިޔާ ދިވެއްސަކު ރެކޯޑު ކޮށްފައި ނުވާ ކަމަށާއި އިމިގްރޭޝަންގެ ރެކޯޑުތަކުގައި ވެސް، އެއްވެސް އިރެއްގައި އެ ނަން ކިޔާ މީހަކަށް ދިވެހި ޕާސްޕޯޓެއް ހައްދާ ދީފައި ނުވަތަ ދޫކޮށްފައިވާ ކަން އެނގެން ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ.
"ސުންދަރަލިންގަމް ކޫޑަލިންގަމް" އަކީ ދިވެއްސެއް ކަމަށް ލިޔެ، ދައުރުކުރަމުން ދާ ޚަބަރަކީ އެއްވެސް އަސްލެއް އެކުލެވިގެންވާ މައުލޫމާތެއް ނޫން ކަމަށް މިނިސްޓްރީން ބުންޏެވެ.
ފިލްމީ ތަރިއަކަށް ލަންޑަނުގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ޖަލަށް ލާފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ މެއިލް އިންނެވެ. އެ ނޫހުން ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަލަށް ލާން ހުކުމްކުރި ރާއްޖެއިން އެ ގައުމަށް ދިޔަ ސުންދަރަލިންގަމް ކޫޑަލިންގަމް، 36 އެވެ.
ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި އެ މީހާއަކީ ދިވެއްސެއް ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވީ ނަމަވެސް، އިމިގްރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ވެސް ވަނީ އޭނާއަކީ ރާއްޖޭގެ އެއްވެސް އިދާރާއެއްގައި ދިވެއްސެއްގެ ގޮތަށް ރަޖިސްޓްރީކޮށްފައިވާ މީހެއް ނޫން ކަމަށް ބުނެފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރި އިންޑިއާ ރައްޔިތެކެވެ.