08 އޯގަސްޓް 2025 - 10:41

އިޒްރޭލުގެ ހަމަލާތަކާއި ހިސާރުގެ ސަބަބުން ބަނޑަށްޖެހިފައިވާ ޣައްޒާ އެއްކޮށް އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންގޮސް އެތަނުގައި ފަލަސްތީނުގެ މައި ދެ ޖަމާއަތުގެ ބައިވެރިވުމެއް ނެތް ވެރިކަމެއް ހިންގަން އިޒްރޭލުގެ ކެބިނެޓުން ފާސްކޮށްފި އެވެ.
ކުރިން ވެސް މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތަށް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މި ހުށަހެޅުން ފާސްކުރި "ޣައްޒާގެ ހަނގުރާމަ ނިންމުމަށް" ކަމަށް ބުނެ އެވެ.
ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުން، ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މައިގަނޑު ފަސް ކަމެއް އިޒްރޭލުން ކުރާނެ އެވެ. އެއީ؛
● ހަމާސް ޖަމާއަތަކީ ހަތިޔާރު ނުގެންގުޅޭ ބަޔަކަށް ހެދުން
● ފަލަސްތީނުގެ ޖަމާއަތްތަކުން އަސީރުކޮށްފައިވާ އިޒްރޭލު އެންމެން، މަރުވި މީހުންގެ ހަށިތައް ވެސް ހިމެނޭ ގޮތަށް، އަނބުރާ ހޯދުން
● ޣައްޒާ "ޑިމިލިޓަރައިޒް" ކުރުން
● މުޅި ޣައްޒާ އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ ދަށަށް ގެންދިއުން
● ހަމާސް އަދި ފަލަސްތީން އޮތޯރިޓީ (ޕީއޭ) ނުހިމެނޭ އާ މަދަނީ ވެރިކަމެއްގެ ދަށަށް ޣައްޒާ ގެންދިއުން
ބަޔާނުގައި ބުނެފައިވަނީ މިއީ ހަމާސް ނައްތާލުން ފުރިހަމަކުރުން ކަމަށާއި މިކަން ކުރިއަށް ދާއިރު އަސްކަރީ ހަރަކާތްތައް ނުހިނގާ ހިސާބުތަކުގައި އާންމުންނަށް ކާނާ ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.
އިޒްރޭލުން މިގޮތަށް ނިންމާފައި މި ވަނީ ޣައްޒާގައި ހަމަލާ ދޭތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ވެފައިވާއިރު، އެތަނުގެ ދެ މިލިއަނަށްވުރެ ގިނަ މީހުން ބަނޑުހައިހޫނުކަމުގައި މަރުވަމުން ދިއުން ނިމުމަކަށް ގެނެސް އިޒްރޭލުގެ ރަހީނުން މިނިވަންވާނެ އެއްބަސްވުމަކަށް އަވަހަށް ދިއުމަށް އެތެރެއިންނާއި ބޭރުން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފިއްތުން އިތުރުވެފައި ވަނިކޮށެވެ.
ނަތަންޔާހޫ ބުނީ އަސްކަރިއްޔާގެ ބާރުގެ ދަށަށް ޣައްޒާ ގެންދިޔަ ނަމަވެސް އެތަނުގައި "އިޒްރޭލުގެ ވެރިކަމެއް ހިންގުމުގެ ނިޔަތެއް ނެތް" ކަމަށެވެ. އޭނާ ބުނީ 1967 ވަނަ އަހަރު އިޒްރޭލުން ހިފައިގެން ތިބުމަށް ފަހު 2005 ވަނަ އަހަރު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ބާލައި ފަލަސްތީނަށް ދޫކޮށްލި ޣައްޒާ އަލުން ހިފައިގެން ތިބެން ވެސް ބޭނުން ނުވާ ކަމަށެވެ.
ނަތަންޔާހޫ ބުނީ އިޒްރޭލުގެ އަމާޒަކީ ޣައްޒާ އަކީ "ސެކިއުރިޓީ ޕެރިމީޓަރެއް" ކަމަށް ހަދައި އެ ސަރަހައްދު ހަރުދަނާ ގޮތެއްގައި ހިންގާނެ "އަރަބި ބާރުތަކަށް" ހަވާލުކޮށް "އިޒްރޭލަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، ޣައްޒާގެ ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުން" ކަމަށެވެ.
"ހަމާސް އޮވެގެން މިކަން މިގޮތަށް ނުކުރެވޭނެ،" ކެބިނެޓުގެ ނިންމުމުގެ ކުރިން ނަތަންޔާހޫ ފޮކްސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ނަތަންޠާހޫގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ މި މައިގަނޑު ފަސް ކަންތައް ފުރިހަމަކުރުމަށް ކެބިނެޓްގެ ބޮޑު އަޣުލަބިއްތަޔަކުން ރުހުން ދިން ކަމަށެވެ.
ޣައްޒާގެ އާންމުން ބުނަމުން އަންނަނީ އިޒްރޭލުން ޣައްޒާގައި ހާސިލްކުރަން އުޅެނީ ސްޓްރެޓީޖިކް ނުވަތަ ޓެކްޓިކަލް ކަންތައްތަކެއް ނޫން ކަމަށާއި މިއީ ޣައްޒާގެ ރައްޔިތުންގެ މައްޗަށް ވެރިވެގަނެ އިތުރަށް ނިކަމެތިކުރުމުގެ ޕްލޭނެއް ކަމަށެވެ.
ޣައްޒާ ހިފުމުގެ ޕްލޭނަށް އިޒްރޭލު އަސްކަރިއްޔާ ތެރޭގައި ދެކޮޅުވެރިކަން އެބަ އޮތް ކަމަށާއި ސިފައިންގެ ވެރިޔާ ވަނީ މި ނޫން ގޮތަކަށް ވެސް ހަނގުރާމަ ނިމުމަކަށް ގެނެސް މަގްސަދު ހާސިލްކުރެވޭނެ ކަމަށް ބުނެ ވާހަކަ ދައްކާފައި ކަމަށް އިޒްރޭލު މީޑިއާއިން ރިޕޯޓްކޮށްފައިވެ އެވެ.