07 އޯގަސްޓް 2025 - 13:25

ފިޔާގެ އަގުމަތިވެ، ފިޔާ ލިބުން ދަތިވެފައި ވަނިކޮށް އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެނެސް ކިލޯއެއް 15ރ. އަށް ވިއްކަން ފަށައިފި އެވެ.
އެސްޓީއޯއިން މިއަދު ބުނީ މި ފިޔާ ޝިޕްމަންޓަކީ މޫސުމީ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ފިޔާ ސަޕްލައިއަށް ދިމާވި ދަތިތަކަކާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބެން ދަތިވުމުގެ ސަބަބުން މާކެޓް ސްޓޭބަލައިޒް ކުރުމަށް ގެނައި ޝިޕްމަންޓެއް ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި، އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އެސްޓީއޯ ހޯލްސޭލް ސެންޓަރުން މިހާރު ފިޔާ ލިބެން ހުންނާނެ އެެވެ.
ފިޔާ ލިބުން ދަތިވެ މިދިޔަ ހަފްތާގައި މާލޭގެ ބާޒާރުން ފިޔާ ބަސްތާއެއް އުޅުނީ 450ރ.- 500ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ފިޔާ ކިލޯއެއް ބާޒާރުން ލިބެން ހުރީ 20ރ.-30ރ. އާ ދެމެދުގެ އަގެއްގަ އެވެ. ނަމަވެސް، އެނެއްކާ ވެސް ވިޔަފާރިވެރިންނަށް ފިޔާ ގެނެވި، މުދާ ކްލިއާ ކުރެވި ބާޒާރަށް ނެރެން ފެށުމުން، ފިޔާ ވަނީ ލިބެން ފަށައިފަ އެވެ.
ރާއްޖެއަށް ފިޔާ ގެންނަނީ އިންޑިއާ އިން ހާއްސަ ރޭޓުތަކެއްގަ އެވެ. މި އަހަރަށް ކަނޑައަޅާފައިވާ ކޯޓާގެ އަދަދު އެ ގައުމުން މިހާރު ވަނީ 56 ޕަސެންޓަށް އިތުރު ކޮށްފަ އެވެ.