07 އޯގަސްޓް 2025 - 13:48

ގައުމީ ނިއުސް އެޖެންސީއެއް އުފައްދަން ދައުލަތުގެ މީޑިއާއާ އެކު، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން މިއަދު އެއްބަސްވެއްޖެ އެވެ.
އެކިއެކި ޚަބަރާއި މައުލޫމާތުތައް ފޯރުކޮށްދޭ އިދާރާ އުފެއްދުމުގެ އެއްބަސްވުމުގައި ޔޫތު އެމްޕަވަމެންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) އަދި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަސްރީން ވަނީ ސޮއިކުރައްވައިފަ އެވެ.
ސަރުކާރު ވެބްސައިޓުގައި އާއްމުކުރި ލިޔުމުގައި މިނިސްޓްރީން ބުނީ، އަލަށް އުފައްދާ ނިއުސް އެޖެންސީން ޑިޖިޓަލް ޕޯޓަލެއްގެ ތެރެއިން މީޑިއާތަކަށް ބޭނުންވާ ޚަބަރާއި މައުލޫމާތު ލިބޭނެ ކަމަށެވެ.
ނަމަވެސް، އެ ހިދުމަތް ލިބޭނީ ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ކަމާގުޅޭ ފޮޓޯ އާއި ވީޑިއޯ ވެސް ހިމެނެ އެވެ.
ބޭރު ދުނިޔޭގައި ހިނގާ ކަންކަން އާއްމުންނާ ހަމައަށް ގެނެސްދިނުމަށް ބޮޑެތި ނިއުސް އެޖެންސީތައް ހިންގަ އެވެ. ނަމަވެސް، ރާއްޖޭގައި މީޑިއާތައް ގިނަވިއަސް، ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ އެޖެންސީއެއް މި ވަގުތަކު ނެތެވެ.