07 އޯގަސްޓް 2025 - 10:37

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ، ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސް (ސެން) ޓީޗަރުން ތަމްރީނު ކުރުމަށްޓަކައި އިސްލާމިކް ޔުނިވަސިޓީ އާއި ވިލާ ކޮލެޖާ އެކު އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. އައިޔޫއެމް އިން ސޮއިކުރެއްވީ ވައިސް ރެކްޓަރު ޑރ. އަލީ ޒާހިރެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖާއި އައިޔޫއެމްގައި އެއް އަހަރު ދުވަހުގެ ޑިޕްލޮމާ އިން ސެން ޓީޗިން ހެދޭނެ ކަމަށެވެ.
ކޯހަށް ހިނގާނެ ހުރިހާ ހަރަދެއް މިނިސްޓްރީން ކުރާއިރު، ކޯހުގައި ކިޔަވާ ކޮންމެ ދަރިވަރަކަށް ސްޓައިޕެންޑްގެ ގޮތުގައި މަހަކު 1،500ރ. މިނިސްޓްރީން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަންނަ މަހު ފަށާ އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ދަރިވަރުން ކެމްޕަހަށް ހާޒިރުވެގެން ކިޔަވާ ގޮތަށެވެ. މިނިސްޓްރީން ބުނީ މާލޭގެ އިތުރުން އައިޔޫއެމާއި ވިލާ ކޮލެޖުގެ ކެމްޕަސްތައް ހުންނަ ރަށްރަށުގައި ވެސް އެ ކޯސް ކިޔެވޭނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް އެންމެ ފަހުން ވިދާޅުވެފައި ވަނީ ރާއްޖޭގެ ސްކޫލުތަކަށް ހަސަތޭކައެއްހާ ސެން ޓީޗަރުން ބޭނުންވާ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން ތަމްރީނު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި ސެން ޓީޗަރުންނަށް ރިސްކު އެލަވަންސް އަލުން ހަމަޖައްސައި ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭރު ދެއްވައިފަ އެވެ.