07 އޯގަސްޓް 2025 - 09:37

މިދިޔަ މަހުގެ 28 ގައި ލ. މާވަށުގައި ކަރަށް ވަޅި ހަރައި މަރާލި މޫސާ އިބްރާހީމް ހަށިގަނޑުގެ އޮޓޮޕްސީ ހަދަން އިންޑިއާއަށް އިއްޔެ ފޮނުވާލައިފި އެވެ.
މޫސަ 29، ގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ފޮނުވީ އޭނާ މަރާލިތާ 10 ދުވަސް ފަހުންނެވެ.
މޫސައަށް ހަމަލާދިނީ އެ ރަށުގައި ދިރިއުޅެމުން އަންނަ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމެވެ. އެ ދެ މީހުންގެ ދެމެދުގައި ހިނގި ދެބަސްވުމަކަށް ފަހު އަތުގައި އޮތް ވަޅި ނަގައި މޫސައަށް ހަމަލާދިނީ ކަމަށް މާވަށު ބައެއް މީހުން ބުންޏެވެ.
އެ ހަމަލާއާ ގުޅިގެން ރަށު ހެލްތު ސެންޓަރަށް މޫސަ ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
އެ މައްސަލަ ތަހުގީގުކުރަން ހަމަ އެ ދުވަހުގެ ރޭ އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފަ އެވެ.
މޫސަގެ މަރުގެ ތުހުމަތުގައި މުހައްމަދު އިބްރާހިމް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.
މާވަށުން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި މި މަރާ ގުޅިފައި ވަނީ މަސްތުވާތަކެއްޗެވެ. ދެ މީހުންގެ ޒުވާބު އަޑު އިވުނު ބައެއް މީހުން ބުނާ ގޮތުގައި، މައްސަލަ އުފެދުނީ މޫސަގެ އަތުން ގަތް މަސްތުވާތަކެއްޗަށް ފައިސާ ނުދިނުމާއި ވައްކަމުގެ ތުހުމަތު މުހައްމަދަށް ކުރުމުންނެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ.