ލަންކާގެ ފުލުހުންގެ ވެރިޔަކު ފުރަތަމަ ފަހަރަށް އިމްޕީޗްކޮށްފި
ލަންކާގެ ފުލުހުންގެ ވެރިޔަކު ފުރަތަމަ ފަހަރަށް އިމްޕީޗްކޮށްފި

ސްރީ ލަންކާގެ ފުލުހުންގެ ވެރިޔަކަށް ހުރި އިންސްޕެކްޓާ ޖެނެރަލް ދޭޝާބަންޑޫ ޓެންނަކޫން މަގާމަށް އެކަށީގެންނުވާ ކަމަށް ނިންމައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ އިމްޕީޗްކޮށްފި އެވެ.

މި ނިންމުމާ އެކު އިންސްޕެކްޓާ ޓެންނަކޫން، 54، ވެފައި ވަނީ 85،000 މީހުން އުޅޭ ފުލުހުންގެ އިދާރާގެ ވެރިޔަކު މަގާމަށް އެކަށީގެންނުވާ ކަމަކަށް ކަނޑައަޅައި އެ ގައުމުގައި ވަކިކުރި ފުރަތަމަ ފަހަރަށެވެ.

ކުށުގެ އަމަލުތަކާ ގުޅުން ހުރި ކަންކަމުގައި ޝާމިލްވާ ކަމަށް، މަޖިލީހުގެ އިންކުއަރީއަކުން ހާމަވުމުން މަގާމުން ވަކިކުރަން ނިންމި ޓެންނަކޫން މަގާމަށް އައްޔަންކުރީ ކުރީގެ ރައީސް ރަނިލް ވިކްރެމަސިންހާގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މަގާމަށް އޭނާ އައްޔަންކުރި އިރު ވެސް ބަންދުގައި ހުރި ފިރިހެނެއްގެ ކުރިމަތީފަރާތުގައި ބާމު އުނގުޅައި އަނިޔާކުރި ކަމުގެ މައްސަލައެއް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން އޮތީ ކަނޑައަޅައިފަ އެވެ.

ޓެންނަކޫން މަގާމުން ވަކިކުރި ޖަލްސާގައި ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު އާނަންދާ ވިޖޭޕާލާ ވިދާޅުވީ ބާރުގެ ބޭނުން ނަ ހަމަ ގޮތުގައި ބޭނުންކުރުމުގެ 40 މައްސަލައެއް ޓެންނަކޫންއާ ދެކޮޅަށް ކޯޓުތަކުގައި ހިނގަމުންދާ ކަމަށެވެ. އެހެންވެ އެއީ ދުވަހަކު ވެސް ފުލުހުންގެ އެންމެ އިސް މަގާމު ދީގެންވާނެ މީހެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މިއީ ގައުމުގެ ތާރީހުގައި ވެސް އެންމެ ބޮޑަށް އަގު ވެއްޓުނު ފުލުހުންގެ ވެރިޔާ،" ވިޖޭޕާލާ ވިދާޅުވި އެވެ.

ޓެނަކޫން އިމްޕީޗް ކުރުމަށް މަޖިލީހުގެ ރައީސް ޖަގަތު ވިކްރަމަރަތުނޭ ގަރާރު ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި އިތުރު ދެ ބޭފުޅަކު ބެއްލެވި ސުލޫކީ މައްސަލައިގެ އަޑުއެހުންތަކަށް ފަހުގަ އެވެ. އެ ހުށަހެޅުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވައި ފަސޭހަކަމާ އެކު ފާސްވި އެވެ.

"ދޭޝަބަންޑޫ ޓެންނަކޫން އިމްޕީޗް ކުރަން ހުށަހެޅި ގަރާރަށް ތާއީދުކޮށް 177 ވޯޓު އަދި ދެކޮޅަށް އެއްވެސް ބޭފުޅަކު ވޯޓު ނުދެއްވައި ފާސްވެއްޖެކަން އުފަލާ އެކު އިއުލާނުކުރަން،" ވިކްރަމަރަތުނޭ ވިދާޅުވި އެވެ.

އިދިކޮޅު މައި ޕާޓީ އެސްޖޭބީގެ މެންބަރުން ވެސް ވޯޓު ދެއްވީ ޓެންނަކޫން ވަކިކުރުމަށެވެ.

ފުލުހުންގެ ވެރިޔާގެ މަގާމަށް ޓެނަކޫން ހަމަޖެއްސި އިރު އޭނާ ގައިދީއަކަށް ޖިންސީ އަނިޔާކުރިކަން ސުޕްރީމް ކޯޓުގެ އެހެން މައްސަލައެއްގައި ސާބިތުވެފައިވެ، އަނިޔާ ލިބުނު މީހާއަށް ބައި މިލިއަން ރުޕީސް (1،600 ޑޮލަރު) ދެއްކުމަށް ޓެނަކޫންގެ މައްޗަށް ކޯޓު ހުކުމެއް ވެސް އޮތެވެ. ނަމަވެސް އޭރުގެ ސަރުކާރުން ވަނީ ހުކުމަށް ތަބާ ނުވެ، ސުލޫކީ ފިޔަވަޅު އެޅުމަށް އިންކާރުކޮށްފަ އެވެ.

މީގެ އިތުރުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އައްސޭރިފަށުގެ ރިސޯޓެއް ކަމަށްވާ ވެލިގަމާގައި ފުލުހުންގެ "ވާދަވެރި" ދެ ޔުނިޓެއްގެ މެދުގައި ހިނގި ކުރިމަތިލުމެއްގައި އޮފިސަރަކު މަރުވި ހާދިސާ އަކީ ވެސް ޓެނަކޫންގެ އޯޑަރަށް ހިންގި އަމަލެއް ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ. މައްސަލަ ބެލި މަޖިލީހުންގެ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ ޑަބްލިޔު15 ހޮޓެލްގައި ހިނގި ބަޑިޖެހުމުގެ "ސުވާލު އުފެދޭ ހާދިސާ" މެދުވެރިވީ ޓެނަކޫންގެ އޯޑަރުގެ ސަބަބުން ކަމަށެވެ. އެއީ ހޮޓަލުގެ ވެރިޔާއަށް ބިރު ދެއްކުމަށް ޓެނަކޫން ފޮނުވި ފުލުހުންގެ ބަޔަކާ ދިމާލަށް ފުލުހުންގެ އެހެން ޔުނިޓަކުން ބަޑިޖެހި ހާދިސާއެކެވެ.

މި މައްސަލައިގައި ޓެނަކޫން ތަހުގީގަށް ހާޒިރުކުރަން ހައްޔަރުކުރުމުގެ އަމުރެއް ވެސް މި އަހަރު ކުރީކޮޅު ނެރުނެވެ. އެ އަމުރާ އެކު އޭނާ ފިލައިގެން އުޅުމަށް ފަހު އަމިއްލައަށް ހަވާލުވި ހާޒިރުވި އެވެ. -- އޭއެފްޕީ