މި އަހަރު ސަވަރިން ފަންޑަށް ޖަމާކުރި އަދަދު ބިލިއަނަކަށް ވުރެ މައްޗަށް
މި އަހަރު ސަވަރިން ފަންޑަށް ޖަމާކުރި އަދަދު ބިލިއަނަކަށް ވުރެ މައްޗަށް

މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ސަވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)އަށް ޖަމާކުރި ފައިސާގެ އަދަދު އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖުލައި މަހުގެ ނިޔަލަށް، އެސްޑީއެފަށް ވަނީ 1.18 ބިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެސްޑީއެފަށް ޖަމާކޮށްފައިވަނީ، 783.8 މިލިއަން ރުފިޔާ އެވެ.

އެސްޑީއެފަކީ ދައުލަތުގެ ދަރަނި އަދާކުރަން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އުފެއްދި ފަންޑެކެވެ.

މާލީ ހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި، 3.5 ބިލިއަން ރުފިޔާ ވަނީ ދަރަނި ދެއްކުމަށް ހޭދަކޮށްފަ އެވެ.

ދަރަނި ދެއްކުމަށް އެހާ ބޮޑު ހޭދައެއް ކުރުމަށްފަހު ވެސް، ދައުލަތުގެ އާމްދަނީ އިތުރުވެ، ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރުމުގެ ސަބަބުން، ބަޖެޓު އަރަނީގައި ދަމަހައްޓަމުން އައި އައުން ވަނީ ހަތް ވަނަ މަހަށް ދަންމާލައިފަ އެވެ.

ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖުލައި މަހުގެ ނިޔަލަށް، ދައުލަތުގެ ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 17.4 ޕަސަންޓުން ދަށްކޮށް، ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސް ވަނީ 314.3 މިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ދަމަހައްޓައިފަ އެވެ.

މިގޮތުން ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސް ހުރީ 6.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ. އަދި އޭގެ ކުރިން، 2023 ވަނަ އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސްވެސް ހުރީ 4.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ.