06 އޯގަސްޓް 2025 - 18:50

އެސްޓީއޯއިން ހުޅުމާލޭގައި އަލަށް ހުޅުވި ފާމަސީ "އެސްޓީއޯ ފާމަސީ ސެންޓްރަލް" ގެ ހިދުމަތް އިއްޔެ ފޯރުކޮށްދޭން ފަށައިފި އެވެ.

މި ފާމަސީއަކީ އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް 2024 ވަނަ އަހަރުގެ އާންމު ޖަލްސާގައި ހާމަކުރައްވާފައި ފަދައިން، ކުރިން އެސްޓީއޯ ސްމާޓް ސްޓޯ ހިންގަމުން އައި ތަނުގައި ގާއިމްކުރި ފާމަސީއެކެވެ.
އެސްޓީއޯއިން ބުނީ، މި ފާމަސީ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެ ކުންފުނީގެ ސިއްހީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
އެސްޓީއޯގެ އެހެނިހެން ފާމަސީތަކެކޭ އެއްފަދައިން، ހުޅުމާލެ 1 ގެ މި ފާމަސީން ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒާ ފަދަ ތަކެތި ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ފާމަސީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށް ހުޅުވިފައި ހުންނާނެ އެވެ.
އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބިގަތުމަށްޓަކައި ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ހިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ހިދުމަތްވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.