06 އޯގަސްޓް 2025 - 14:47

ލޯކަލް ކައުންސިލްތަކުގެ މާލީ ކަންކަން ހިފެހެއްޓޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ހުށަހެޅުއްވި އެ ބިލް މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 52 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަތް މެމްބަރެކެވެ.
އެމްޑީޕީ އާއި ބައެއް ކައުންސިލްތަކުގެ ފާޑުކިޔުންތައް އަމާޒުވި އެ ބިލު ކޮމެޓީން ފާސްކުރީ ވެސް ރޭގެ ވަގުތެއްގަ އެވެ. އެ ބިލްގައިވާ ގޮތުން ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރުގައި ހަރަދު ކުރުމުގައި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ބައެއް ކަންކަން ކުރަން ލާޒިމްވެ އެވެ.
އެގޮތުން ކައުންސިލްގެ ފަހު އަހަރު ކައުންސިލް އިދާރާއަށް މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން ކަމަށް އެ ބިލުގައިވެ އެވެ.
މީގެ އިތުރުން ކައުންސިލް ހިމެނޭ ދާއިރާތަކުގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ބާރު އެ ކައުންސިލްތަކުގެ ދަށުން އޮންނަ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ދީފައިވީ ނަމަވެސް އެ ރަށެއް ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ލޯކަލް އޮތޯރިޓީ ކުންފުނިން ހިންގައިގެން ނުވާނެ ކަމަށް އެ ބިލުގައިވެ އެވެ. އަދި އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީ އަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ވެގެން ނުވާނެ ކަމަށް ބިލުގައިވެ އެވެ.
މީގެ އިތުރުން ކައުންސިލްތަކުގެ ލޯކަލް އޮތޯރިޓީ ކުންފުނިތަކުންކުރާ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ. އަދި ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނެގުން ވެސް ވަނީ އެ ބިލުގެ ދަށުން މަނާކޮށްފަ އެވެ.
ކައުންސިލްތަކުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހެނީ ބިލްގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އަދި އެ ކައުންސިލެއްގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓް ހޯދަން ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު އެ މިނިސްޓްރީ އަށް ދޭން ވާނެ ކަމަށް ބިލްގައި ވެ އެވެ.