06 އޯގަސްޓް 2025 - 14:23

މިދިޔަ އޭޕްރީލް މަހު މާލޭގެ އިމާރާތެއްގެ މަތިން ވެއްޓި އަނިޔާލިބުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ސުވާލުކުރަން މިއަދު ހުށަހަޅައިފި އެވެ.
ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ފަތިހު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު އޭނާއަށް މިހާރު ފަރުވާދެނީ މެލޭޝިއާގަ އެވެ.
އެ މައްސަލާގައި މިނިސްޓަރު އިހްސާން މަޖިލީހަށް ހާޒިރު ކުރަން ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މިނިސްޓަރު އިހްސާންއާ ކުޑޫ ސުވާލުކުރަން ހުށަހެޅުއްވީ ޔުމްނުގެ މައްސަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ މައްޗަށް ފުލުހުން ތަހުގީގު ހިންގަމުންދޭތޯ އާއި އެ ތަހުގީގު ގޮސްފައިވާ ހިސާބު ބެލުމަށާއި އަދި އެ މައްސަލާގައި ފުލުހުންގެ އިހުމާލުތައް ހުރި ކަމަށް ފާހަގަ ކޮށްފައިވާތީ އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ބެލުމަށެވެ.
ފުލުހުން މިއަދު ބުނީ ޔުމްނު ވެއްޓުނު މައްސަލާގައި އޭނާގެ ބަޔާން ނެގުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި ޔުމްނުގެ ބަޔާން ނެގުމަށް މެލޭޝިއާއަށް ދިޔަ ދިވެހި ފުލުހުން ވެސް މިހާރު އަނބުރާ އައިސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޔުމްނު މެލޭޝިޔާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހަކު އެ ގައުމުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އަދި އޭނާގެ ބަޔާން ނަގަން ތައްޔާރުވި ނަމަވެސް، ތަހުގީގަށް އެއްބާރުލުން ނުލިބޭތީ ބަޔާން ނުނެގޭ ކަމަށެވެ.
އެ ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ކަމަށް ފުލުހުން ބުނާ ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށް، އެކި ފަހަރު މަތިން އޭނާ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު މިހާރު ހުރީ ދޫކޮށްލައިފަ އެވެ. އެކަމަކު މައްސަލަ ތަހުގީގުކުރުމަށްފަހު މިހާރު ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.
އެ މައްސަލާގެ ތަހުގީގުގައި ފުލުހުންނަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގަށްފަހު އެ ކޮމިޝަނުން ނިންމާފައިވަނީ ފުލުހުންގެ ތަހުގީގުގައި އިހުމާލުތަކެއް ހުރި ކަމަށެވެ. ނަމަވެސް ޔުމްނު ގަސްދުގައި ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށް އެ ކޮމިޝަނުން ނިންމާފައިވެ އެވެ.