ސަރުކާރުން ފައިސާ ނުލިބިގެން ޓެކްސް ނުދެއްކޭ މީހުންނަށް ގޮތެއް އޮންނަން ވާނެ: ފިއްޓޭ
ސަރުކާރުން ފައިސާ ނުލިބިގެން ޓެކްސް ނުދެއްކޭ މީހުންނަށް ގޮތެއް އޮންނަން ވާނެ: ފިއްޓޭ

ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބުނީމާ ޓެކްސް ދައްކަން ދަތިވާ މީހުންނަށް ވެސް ލުޔެއް އޮންނަން ވާނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޮޑެތި ބާރުތައް ދޭން ޓެކްސް ނެގުމުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާ ބިލްގެ ބަހުސްގައި ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފިއްޓޭ ވިދާޅުވީ، ފިޔަވަޅުތައް އެޅުމުގައި ހަމަހަމަކަން ގެންގުޅެން ވާނެ ކަމަށެވެ.

އެ މައުލޫއުގައި އޭނާ ނެންގެވި އެންމެ މުހިންމު އަދި ބިލްގައި ވެސް ނެތް ކަމަކީ ދައުލަތުން ލިބެންޖެހޭ ފައިސާ ނުލިބި، ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދެއްކި ކުށްވެރިވާ ފަރާތްތަކަށް އޮތް ލުއި ގޮތެވެ.

އިދިކޮޅު އެމްޑީޕީގެ މެމްބަރު ފިއްޓޭ ވިދާޅުވީ، ސަރުކާރުން ފައިސާ ނުދިނީމާ ދެން ވާނެ ގޮތެއް ބިލްގައި ނެތް ކަމަށެވެ.

"އަޅުގަނޑު އުންމީދު މި ކުރަނީ ކޮމިޓީ މަރުހަލާގައި ނަމަވެސް މި އަށް ކޮންމެވެސް ހައްލެއް އެބަ އަންނަންޖެހޭ. އެންމެންނަކީ ވަގުންނެއް ނޫން. ބައެއް މީހުން މަކަރު ވެސް ހަދާނެ. އިންސާނުން މިއީ. އެހެންވީމާ މަކަރު ހަދާ ބަޔަކު މީގެ ތެރޭގައި އުޅޭނެ. ހަގީގަތުގައި އެ ފައިސާ ނުލިބިގެން ޓެކްސް ނުދެއްކޭ މީހުން ވެސް އެބައުޅޭ،" ފިއްޓޭ ވިދާޅުވި އެވެ.

"އެހެންވީމާ އެ މީހުންނަށް ވެސް ކޮންމެވެސް ގޮތެއް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."

ފިއްޓޭގެ އަނެއް ކަންބޮޑުވުމަކީ ކުދި ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކުގެ މެދުގައި ގެންގުޅޭ ތަފާތެވެ. އޭނާ ވިދާޅުވީ، މައްސަލައެއް ދިމާވެއްޖެ ނަމަ ސައިޒުން ބޮޑުވެފައި އަދި އަދަދު ބޮޑުވެއްޖެ ނަމަ އެ މައްސަލައެއްގެ ނިމުން ލަސްވާ ކަމަށެވެ.

"ކޯޓުތަކުގައި އަސްލު އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން. ތަރާދެއް ހުންނަނީ. އެހެންވީމާ ތަރާދަކުން މާ ބަރު އެއްޗެއް ނުކިރޭނެ. ބޮޑު މައްސަލައެއް ވެއްޖިއްޔާ ކޯޓުގައި އެތައް ޒަމާނެއް. ރިސޯޓެއްގެ މައްސަލާގައި ޓެކްސް ނުދައްކައިފިއްޔާ އެތައް ޒަމާނެއް ވޭ. ކަންމަތީ ފިހާރައެއް ވެއްޖިއްޔާ ދުވަހުން ދުވަހަށް ބަންދުކުރޭ،" ކުދި ވިޔަފާރި އާއި ބޮޑެތި ވިޔަފާރިތަކާ މެދު ގެންގުޅޭ ތަފާތުތައް ދައްކަވަމުން ފިއްޓޭ ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވިގޮތުގައި އެއީ ޓެކްސް އިދާރާ، މީރާގެ މައްސަލައެއް ނޫނެވެ. އޮތީ މުޅި ނިޒާމުގެ މައްސަލައެކެވެ.

"މުޅި ނިޒާމުގެ ތެރެއިން އެކަން ހައްލު ކުރަން ވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ފިއްޓޭ ވިދާޅުވި އެވެ.

- އެއްވެސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއަކުން ގަސްދުގައި ރެކުމުގެ ނިޔަތުގައި ކުރާ އަމަލެއްގެ ކުށުގެ އަދަބު، ތިން މަހާއި އެއް އަހަރު ދުވަހަށް ގޭބަންދުކުރުމުގެ ބަދަލުގައި، ތިން މަހާއި ދެ އަހަރު ދުވަހާ ހަމައަށް ޖަލަށްލެވޭ ގޮތަށް އެ ބިލުގައި ވަނީ ހިމަނާފައި.

- ޓެކްސް ދައްކަންޖެހޭ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތައް ހަ މަސް ދުވަހާ ހަމައަށް ގޭބަންދު ކުރުމުގެ ޖިނާއީ އަދަބު، 250،000ރ. އާ ހަމައަށް ޖޫރިމަނާ ކުރުމާ އެކު، ހަ މަސް ދުވަހާ ހަމައަށް ޖަލަށް ލެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ވަނީ ހުށަހަޅާފައި.

- ޓެކްސް ދައްކަންޖެހޭ މުއްދަތުން ފެށިގެން ފާއިތުވާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް އަދަދަށް ނަގަމުން އަންނަ 0.05 ޕަސެންޓުގެ ޖޫރިމަނާ ދެ ގުނަ ބޮޑުކޮށް، ނުދައްކާ އޮތް އަދަދުގެ 0.1 ޕަސެންޓުގެ ޖޫރިމަނާ ކުރަން ބިލުގައި ވަނީ ހިމަނާފައި.

- މީރާ އަށް ދައްކަންޖެހޭ ޓެކްސް ފައިސާއާ ގުޅޭގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅުމުގެ ބާބު ވެސް ވަނީ ބަދަލުކޮށްފައި. މީރާ އަށް ދައްކަންޖެހޭ ފައިސާގެ އަދަދާ ގުޅޭގޮތުން، ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅޭނީ، އިއުތިރާޒު ކުރާ އަދަދުގެ މަދުވެގެން 25 ޕަސެންޓަށްވާ ފައިސާ މީރާ އަށް ދައްކައި، ހަލާސް ކުރުމުން ކަމަށް ބިލްގައި ވޭ.

- ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް، މީރާ އަށް އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ވަނީ ދީފައި. ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތް ހިފެހެއްޓުމާއި ބިންބިމާއި މިލްކިއްޔާތު ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމާއި ތިން ވަނަ ފަރާތެއްގެ އަތުން އެ ފައިސާ ހޯދުމުގެ އިތުރަށް ބޭރު ގައުމެއް ނުވަތަ ސަރަހައްދެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ ބާރު މީރާ އަށް ދޭން ވަނީ ހުށަހަޅާފައި.